ކަރަންޓު އިގްތިސާދު ކުރުމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ސްޓެލްކޯއިން ކުދަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ބޭއްވި އެ ހަވީރުގައި ގިނަ އަދަދެއްގެ ކުދިން ވަނީ ބައިވެރިވެފައެވެ.

ރަނގަޅު ގޮތުގައި ކަރަންޓު ބޭނުން ކުރުމުގެ މުހިއްމުކަމާއި، ކަރަންޓު އިގުތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދިނުމަށް ބޭއްވި އެ ހަވީރުގައި ކުޑަކުދިން ވަނީ އެކުދިންގެ ހުނަރު ދައްކާލުމަށް އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އަދި އެކުދިންނަށް އުމުރާ ގުޅޭ ހަދިޔާވެސް ވަނީ ދީފައެވެ.

މި ހާއްސަ ހަވީރުގައި ކަރަންޓު ހަރަދު ކުޑަ އެލްއީޑީ ބޮކި ބެހުމުގެ އިތުރުން ރޮބޯމޭންގެ ހަރަކާތްތަކާއި، ކަޕްކޭކާއި، ކުޑަކުދިންނާއި ގުޅުންހުރި އެކި ކަހަލަ ގޭމްތައް ކުޅުމުގެ ފުރުސަތުވެސް ކުޑަކުދިންނަށް ދީފައި ވެއެވެ.

ސްޓެލްކޯއިން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެކި ކުޅިވަރުތަކުގައި ކުދިން ބައިވެރި ވަނީ / ފޯޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ބުނީ، އެނާޖީސޭވިން ކެމްޕެއިންގެ ދަށުން ކުރިއަށް އޮތް ތާނގައިވެސް މިފަދަ އިތުރު ހަރަކާތްތައްވެސް ބާއްވާނެ ކަމަށެވެ.

ހޫނު މޫސުމާ ދިމާކޮށް ގިނަ ގެތަކުގެ ކަރަންޓު ބިލް ބޮޑުވަމުން ދާތީ، "ސޭވް އެނާޖީ" ގެ ނަމުގައި އާންމުން ހޭލުންތެރި ކުރުމަށް ސްޓެލްކޯއިން ވަނީ ހާއްސަ ކެމްޕެއިނެއް ފަށާފައެވެ.

ސްޓެލްކޯއިން ބުނާ ގޮތުގައި ފާއިރުވީ 15 އަހަރުން ކުރެ ކޮންމެ އަހަރެއްގެވެސް ކުރީކޮޅު ކަރަންޓު ބިލް ބޮޑުވުމުގެ ސަބަބުން އާންމުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.