އިންޑިއާގެ ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) އިން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސިވިލް ސާވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން މިއަދު މެންދުރު އެ ގައުމަށް ފުރައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ، ސިވިލް ސާވަންޓުންނަށް ތަމްރީނުދީ، ސިވިލް ސާވަންޓުންގެ މެދުގައި ގާބިލްކަން އުފެއްދުމަށް ކުރާ މަސައްކަތުގެ ދަށުން، އިންޑިއާގައި އޮންނަ ތަމްރީނު ޕްރޮގްރާމަށް ސިވިލް ސާވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 55 މުވައްޒަފެއް ދެ ހަފްތާގެ މުއްދަތަކަށް އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި، "ޓްރެއިނިން ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސާވަންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ތަމްރީނު ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ހިދުމަތާ ބެހޭގޮތުންނާއި، އިގްތިސޯދީ، އިޖްތިމާއީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެއެވެ. މި ތަމްރީނު ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ދާއިރާތަކުގެ ތަޖުރިބާހުރި ކަމާގުޅޭ މާހިރުން ކަމުގައިވެސް އެ ކޮމިޝަނުން ބުންޏެވެ.
ތަމްރީނުގެ ތާވަލު ހަމަޖެހިފައިވާ ގޮތް
- ފުރަތަމަ ހަފުތާ: އެ ހަފްތާގައި މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައި ސިވިލް ސާވަންޓުން ހޭދަކުރަން ޖެހޭ
- ދެވަނަ ހަފްތާ: ސެޝަންތައް ކުރިއަށް ގެންދެވޭނީ ދިއްލީގައި، އަދި އެ ދަތުރުގައި މަސޫރީ އާއި ދިއްލީގެ ސަގާފީ ތަންތަނަށް ބައިވެރިން ޒިޔާރަތްކުރާނެ
މިއީ، ދިވެހި ސިވިލް ސާވަންޓުން ތަމްރީނު ކުރުމަށް ސީއެސްސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެންސީޖީޖީއާ އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާ އަށް ފުރާ ނުވަވަނަ ބެޗު ކަމަށް ސީއެސްސީން މައުލޫމާތު ދެއެވެ. އެ ކޮމިޝަނުން ބުނީ، މިއީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ސިވިލް ސަރވިސް މުވައްޒަފުން މިގޮތަށް ދާ ފަހަރު ކަމަށެވެ.