ލާމަރުކަޒީ ނިޒާމަށް 11 އަހަރު ފުރިފައިވާއިރު މިހާރު ދަތުރުކުރަމުން އަންނަނީ ޖަޒީރާވަންތަ ރަށާއި އަތޮޅުތައް ތަރައްގީވާނެ މިސްރާބަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްދި ހިތޯބެއްގައެވެ.
އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގޭނީ ކައުންސިލްތަކާއި ރައްޔިތުންނާއި އެހެން އިދާރާތަކުން އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި ކައުންސިލްތަކުގެ ޒިންމާތައް ގާނޫނުގައި ބުނެފައިވާ ބީދައިން މި ނިޒާމު ތަންފީޒު ކުރުމަށް އެ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ބޭނުންވާނެ ކަމަށެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ފަންނީ އަދި އިދާރީ ގާބިލްކަން އިތުރުކުރުމަށް ތަމްރީނުތައް ދިނުމަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޒިންމާ އެއް ކަމަށާއި އެ ޒިންމާގެ ދަށުން، 'މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް'ގެ ނަމުގައި މަރުކަޒެއް މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެ މަރުކަޒުން ފޯރުކޮށްދޭނެ ތަމްރީނުތަކުގެ ކަރިކިއުލަމް ތައްޔާރުކުރުމަށް ރާއްޖެ އާއި ބޭރުގެ ބައެއް ގައުމުތަކުގެ ތަމްރީނު މަރުކަޒުތަކުން އެހީ ހޯދަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރަށުގެ ބިން ބޭނުން ކުރުމާ ގުޅޭ ގޮތުން ކައުންސިލުން ތައްޔާރުކުރާ ލޭންޑް ޔޫސް ޕްލޭން، އެއްވެސް ވަރަކަށް ތައްޔާރުކޮށްފައި ނުވާ 43 ރަށެއް ހިމެނޭ ކަމަށާއި އެ ކައުންސިލްތަކަށް އެލްޖީއޭއިން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދީ އެކަމުގައި އެ މަސައްކަތް ކުރުމަށް އެހީވަމުން ކަމަށެވެ. އަދި އޭގެ ސަބަބުން އެ ރަށްތަކުގެ ބިންތައް ޒޯންކޮށް ތަރައްގީކުރުމުގެ މިނިވަންކަން ލިބޭނެ ކަމަށްވެސް އިމްރާންގެ ހިތޯބުގައި ވަނީ ފާހަގަކުރައްވާފައެވެ.