އެހެން ޕާޓީތަކުން އެމްޑީޕީއާ ގުޅޭ މީހުންނަށް ވެސް އެންމެ މަތީ ފަންތިއަށް ދެވޭނެ ފުރުސަތު އޮންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒުގެ ކެމްޕެއިން ލޯންޗުކުރުމަށް ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ އެހެން ޕާޓީތަކުން އެމްޑީޕީއާ ގުޅޭ މީހުންނަށް ވެސް އެންމެ މަތީ ފަންތިއަށް ދެވޭނެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެ ޕާޓީގެ އަންހެނުންނާއި ޒުވާނުންގެ ބޭނުން އެންމެ ރަނގަޅަށް ހިފާތަނެއް ވެސް ފެނިވަޑައެއް ނުގަންނަވާ ކަމަށާއި އޭނާގެ އެންމެ އިސް އެއް މަސައްކަތަކީ އަންހެނުން ސިޔާސީ މަގާމުތަކަށް ނެރުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ނެރެދިނުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ޕާޓީގެ ތެރެއިން މިދިޔަ ތިން އަހަރު ފެނުނު މައްސަލަތަކެއް އެބަހުރި ކަމަށާއި ޗެއާޕާސަން ކަމުގެ މަގާމަށް އޭނާ އިންތިހާބު ކޮށްފިނަމަ އެ ކަމުން އަރައިގަނެވޭނެ ގޮތްތައް ހަދާނެ ކަމަށެވެ. އަދި އޭނާގެ ކެމްޕެއިން ކުރިއަށް ގެންދާނީ ވަރަށް ރީތިކޮށް ކަމަށާއި އެކި ފަރާތްތަކަށް ކުޑައީމިސްކޮށް ބަސްބުނުން ފަދަ ކަންކަން ނުކުރައްވާނެ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށްޓަކައި ފިސާރި ރަނގަޅަށް އެ ޕާޓީ ހިންގައިލަނެ ކަމަށް ވިދާޅުވެ، އެކަންކުރުމަށްޓަކައި ޕާޓީގެ ގޮފިތައް ރަނގަޅުކުރަން ޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ޗެއާޕާސަން ކަމަށް އޭނާ އިންތިހާބު ވެއްޖެނަމަ އެމްޑީޕީގެ ޒުވާނުންގެ ދައުރު މިހާރަށް ވުރެ ހަރުދަނާ ކުރާނެ ކަމަށެވެ. އަދި އެމްޑީޕީގައި އެކިއެކި ފަންނީ ކޮމިޓީތައް އޮންނައިރު އެ ކޮމިޓީތަކުގެ ބޭނުން ވެސް މިދިޔަ ތިން އަހަރު އެކަށީގެންވާ ގޮތަކަށް ނުހިފާ ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ހިންގާއިރު ކަންކަން ދަނީ ރަނގަޅަށް ތޯ އެ ކޮމިޓީތަކުން ވެސް ނުބަލާ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ފާޑުވިދާޅުވެފައެވެ.