ހަމަހަމަކަމާއެކު އެންމެނަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމުގައި ރާއްޖެއިން ތައްޔާރަށްއޮތް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއެވެ.

ފައިސަލް ނަސީމު މިފަދައިން ވިދާޅުވީ “ގެލްވަނައިޒިން މޮމެންޓަމް ފޯ ޔުނިވާސަލް ވެކްސިނޭޝަން” ގެ ނަމުގައި އދ ގެ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދާ ޕްލެނަރީ ސެގްމަންޓަކަށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ވެކްސިންގެ ހަމަހަމަކަން ގާއިމްކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެންމެހާ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.

ފައިސަލް ވަނީ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ގައުމުތަކަށް އިސްކަން ދޭންޖެހިފައިވާކަން ފާހަގަކުރައްވާ އާމްދަނީ މަދު އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ބޮޑެތި އާބާދީތަކަށް ވެކްސިން ނުލިބި ފަރަގު ބޮޑުވެފައިވާ ކަމުގައި ވިދާޅުވިއެވެ.

ވެކްސިނަކީ އެންމެންގެ ހައްގު އޭގައި އެކުލެވޭ އެއްޗެއްގެ ގޮތުގައި ދެކި ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތްކޮށް 2020 ވަނަ އަހަރު ވާލްޑް ޓްރޭޑް އޮގަނައިޒޭޝަނުން ހުށައެޅި ފަދައިން ކޮވިޑް ވެކްސިންގެ ޕޭޓަންޓްތައް ވަގުތީގޮތުން މަޑުޖައްސާލައި ވެކްސިންގެ ރައްކާތެރިކަން އެންމެހާ ގައުމުތަކަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ގައުމުތަކުގެ ލީޑަރުންނަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ފައިސަލް ވަނީ ވެކްސިންގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް ބުއްދިވެރި ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ވެސް ގޮވާލައްވާފައެވެ.