ރާއްޖޭގެ ރަށެއްގައި ބުޅަލެއް ދަން ޖައްސައި، ސައިކަލެއްގައި ވާޖަހައިގެން މަގުމަތީގައި އެ ބުޅާ ދަމަމުން ގެންދާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

ފޭސްބުކްގައި އާންމުވެފައިވާ ދެ ވީޑިއޯގެ ތެރެއިން އެއް ވީޑިއޯގައި ފެންނަނީ ބުޅަލުގެ ކަރުގައި ވަލެއް އެއްސުމަށް ފަހު، ދަމަމުން ގެންދާ މަންޒަރެވެ. ދެވަނަ ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ މަޖާވެފައި ހުރި ރާގެއްގައި ކޮންމެވެސް އެއްޗެއް ކިޔައެވެ.

https://www.facebook.com/100009130382845/posts/2992839967696987/?d=n

ނަމަވެސް، މި އަމަލު ހިންގާފައިވަނީ ކޮން ރަށެއްގައި ކަމެއް އަދި ނޭނގެއެވެ.

މި އަމަލުކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، ގިނަ ބަޔަކު ރުޅިއައިސް، ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އެ ވީޑިއޯތަކަށް ކޮމެންޓްކުރި ބައެއް މީހުން އޭނާގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރުމަށް ގޮވާލާފައި ވާއިރު، އެ ބުޅަލާ ދޭތެރޭ ކަންކުރި ގޮތަށް އޭނާ އާ ދޭތެރޭ ކަންކުރުމަށްވެސް ބައެއް މީހުން ގޮވާލާފައިވެއެވެ.

"ވަރަށް ދެރަ ކަމެއް. މާ މޮޅު ކަމެއް ކަމަށް ހީކުރިޔަސް ވަރަށް ތަންދޮރު އޮޅުން ނުފިލާ ހުރިކަން ވަރަށް ސާފު." މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.

އަދި އޭނާއަށް އަދަބު ދިނުމަށްވެސް ބައެއް މީހުން ގޮވާލައި ކޮމެންޓްކޮށްފައިވެއެވެ.

ޖަނަވާރުންނަށް އަނިޔާކުރުމަކީ ގާނޫނީ ކުށެއް ކަމަށް ވާއިރު، ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ކުށެކެވެ. މި ކުށް ސާބިތުވެއްޖެ ނަމަ، އަދަބެއްގެ ގޮތުން ގިނަވެގެން ތިން މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި އަމަލާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.