ރަށްރަށާއި އަތޮޅުތަކުގެ ތަރައްގީއަށް މީގެ ކުރިން ދުވަހަކު ވެސް ނުދޭވަރަށް މި ސަރުކާރުން ސަމާލުކަންދޭ ކަމަށް ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ލޯކަލްގަވާމަންޓް އޮތޯރިޓީން (އެލްޖީއޭ) އިންތިޒާމުކޮށް ބޭއްވި ކަންކަތި އެވޯޑް 2022 ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކާގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތަށް އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ ކުރެއްވި މަސައްކަތަކީ ވެސް ހިފެހެއްޓިފައި ހުރި ކައުންސިލުތަކުގެ ބާރުތައް ދޫކޮށްލައި، ކައުންސިލްތަކަށް ފުރިހަމައަށް މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުން ކަމަށެވެ.
ހަމަ އެހެންމެ ރަށްރަށާއި އަތޮޅުތަކުގެ ތަރައްގީއަށް މީގެ ކުރިން ދުވަހަކުވެސް ނުދޭވަރަށް މި ސަރުކާރުން ސަމާލުކަންދޭކަމަށާއި ހާއްސަކޮށް ގައުމުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާކަން ފައިސަލް ފާހަގަކުރެއްވިއެވެ.
މިގޮތުން ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކާއި ރާއްޖެ ތަމްސީލުކުރުމަށް ރާއްޖެއިން ބޭރުގައި ތިބޭ ފަރާތްތަކަށް ބެލި ނަމަވެސް މީގެ ކުރިން ނުފެންނަ މިންވަރަށް އަންހެނުންގެ ހިއްސާ އިތުރުކުރެވިފައިވާކަން ފައިސަލް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކާގައި އަތޮޅެއްގައި ވިޔަސް ރަށެއްގައި ވިޔަސް ތަރައްގީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކޭ އެއްވަރަށް އިޖްތިމާއީ ހަމަޖެހުން ގެނައުމާއި ދުޅަހެޔޮ ޒުވާންޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފައިސަލް ފާހަގަކުރެއްވިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ވަނީ "ކައުންސިލްތަކުގެ ރޭންކިން(2019- 2020) ފޮތް ނެރެދެއްވާފައެވެ. މީގެ އިތުރުން ފައިސަލް ވަނީ 'ރަނަހަމާންތި' އަދި 'ގަދަހަމާންތީ'ގެ 1 ވަނަ ދަރަޖައިގެ އެވޯޑް(2019 އަދި 2020) ރަށު ކައުންސިލާއި އަދި އަތޮޅު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ.
ކަންގަތި އެވޯޑަކީ އެލްޖީއޭއިން ލޯކަލް ކައުންސިލުތައް މިންކުރުމަށް އެކުލަވާލާފައިވާ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ދަރަޖަތައް ބަލައި ވަނަވަނައަށް އަންނަ ކައުންސިލުތަކަށް އެ އޮތޯރިޓީން ދެމުންއަންނަ އެވޯޑެކެވެ.