ޔޫކްރައިންގެ މަޝްރަހު ނުތަނަވަސް ވެފައި ވާ މި ދަނޑިވަޅުގައި ޔޫކްރައިންގައި ތިބި ދިވެހި 21 ދަރިވަރަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހަމަލާތަކުގެ ސަބަބުން ރާއްޖެއަށް ނާދެވިފައިތިބި 21 ދަރިވަރަކަށް މިވަގުތު މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މި ދަރިވަރުންނަށް ބީއެމްއެލް ކާޑުން ބޭރު ފައިސާގެ މުއާމަލާތް ކުރެވޭ މިންވަރު ވެސް މިހާރު އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިވަގުތު ރަޝިއާއާއި ޔޫކްރެއިންގައި ހަނގުރާމައެއް ފަށައިފި ނަމަ ނުރައްކާވާނެތީ ރައީސްއިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމާ ގުޅިގެން ޔޫކްރައިންގައި ދިރިއުޅޭ 50 ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މީގެ ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ހިމެނެނީ 49 ދަރިވަރަކާއި ދަރިވަރެއްގެ އާއިލާގެ ފަރާތެކެވެ.
ޔޫކްރައިންގެ ކަރްކޯވްގައި ތިބި ދަރިވަރުންގެ ތެރެއިން 25 ދަރިވަރަކު މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އެ ސިޓީގައި އަދިވެސް 5 ދަރިވަރަކު ތިބި އިރު، ރޫކްރައިންގެ އެކި ހިސާބުތަކުގައި ވިސާގެ ކަންކަން ހަމަ ނުޖެހި 20 މީހަކު އެބަ ތިއްބެއެވެ. އަދި ކަރްކީވްގައި ތިބި 5 ދިވެހިންގެ އިތުރުން ބާކީ ތިބި 14 މީހުން ތިބީ އިވަނޯގައެވެ. އެކަކު އެހެމް ސިޓޯއެއްގައި އެބަހުއްޓެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ބާރުގަދަ ގޮތުންތަކެއްގެ އަޑާއެކު ސިހިފައި ތިބި ދަރިވަރުން ބުނީ، އެ ދަރިވަރުން ތިބި ސަރަހައްދާ 10 ވަރަކަށް ކިލޯމީޓަރު ދުރުން ބާރުގަދަ ގޮވުންތައް ގޮވާ މަންޒަރު ފެނުނު ކަމަށެވެ. ދިވެހި ދަރިވަރުން ތިބީ، ރަޝިއާ ސިފައިން ޖަމާވެގެން ތިބި ޑޮމްބާސްއާ އިންވެގެން އޮންނަ ކަރްކީވް ގައެވެ.
އެ ދަރިވަރުންގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނީ، ބާރު ގޮވުންތަކާއެކު ހޭލެވުނީ ފަތިހު 5 ޖެހި އިރު ކަމަށާއި، އެ ގޮތުންވައް ގޮވަފައި ވަނީ ބޮރީސްފިލް އެއާޕޯޓާ މާދުރުގައި ނޫން ކަމަށެވެ. ބޮރީސްފީލް އެއާޕޯޓަކީ ކިއޭވްއާ 29 ކިލޯމީޓަރު ދުރުގައި އޮންނަ ޔޫކްރައިންގެ އެންމެ ބޮޑު އެއާޕޯޓެވެ.
ޔޫކްރައިންގައި ތިބި ދިވެހި ދަރިވަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރާކަން ހާމަ ކުރަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ޔޫކްރައިންގައި ތިބި ދަރިވަރުންގެ ހާލު ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ގާތުން ބަލަމުން ދާ ކަމަށާއި ހުރިހާ ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައެވެ.