ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނު އަލުން ހަވާލުވެވަޑައިގެންފިއެވެ.

ރައީސް، ތައިރޮއިޑް ފަރުވާއަކަށް މިއަދު ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާ ހަވާލުކުރެއްވީ މިއަދު ހެނދުނު 6:00 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމްހޫރިއްޔާ ސޯލިހު އަލުން ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ސޯލިހު، އެމަނިކުފާނުގެ ހާލުކޮޅުގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާކުރައްވަމުން މިއަދު ވިދާޅުވީ ތައިރޮއިޑް ސާޖަރީ ހައްދަވާފައިވާ ކަމަށާއި އަދި މިހާރު އާލާސްކަންފުޅު ރަނގަޅު ވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ހެޔޮ ދުއާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް އެކަމިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ތައިރޮއިޑް އޮޕަރޭޝަނަށް ރައީސް ވަޑައިގަތީ ސިންފަޕޫރަށެވެ. އިއްޔެނޫން އިހަށް ދުވަހު ސިންގަޕޫރަށް ވަޑައިގަންނަވަމުން ރައީސް ވިދާޅުވެފައި ވަނީ، މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ ލަސްނުވެ މަސައްކަތްޕުޅަށް އެނބުރި ވަޑައިގެންނެވޭނެ ކަމަށެވެ.