ރައީސް ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާތީ، ރައީސްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ނައިބުރައީސް ފައިސަލް ނަސީމް އާ ހަވާލު ކުރައްވަައިފިއެވެ.

ޑޮކްޓަރުންގެ ޓީމުގެ ލަފާގެ މަތިން މާދަމާ ހެނދުނު ތައިރޮޑްގެ އޮޕަރޭޝަނެއް ކުރައްވާތީ، ސާޖަރީ ނިމެންދެން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ނައިބު ރައީސް އާ ހަވާލު ކުރައްްވައިފި ކަން ރައީސް ސޯލިހު ވަނީ ދާދި ދެންމެ އިއުލާން ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ސާޖަރީއަށް ފަހު މަގާމުގެ މަސްއޫލިއްޔަތުތަކާ އަވަހަށް ހަވާލުވެވަޑައިގަތުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ވަނީ، ނައިބު ރައީސް ފައިސަލް ނަސީމަށް މަސްއޫލިއްޔަތުތައް ހަވާލު ކުރެއްވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް އަންގަވާފައެވެ.

ތައިރޮއިޑް އޮޕަރޭޝަނަށް ރައީސް ވަޑައިގަތީ ސިންފަޕޫރަށެވެ. އިއްޔެ ސިންގަޕޫރަށް ވަޑައިގަންނަވަމުން ރައީސް ވިދާޅުވެފައި ވަނީ، މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ ލަސްނުވެ މަސައްކަތްޕުޅަށް އެނބުރި ވަޑައިގެންނެވޭނެ ކަމަށެވެ.