މި އަހަރަކީ ރާއްޖޭގައި ބޯހިމެނުން ބާއްވާ އަހަރުކަމަށް ވުމާއެކު، 'ބޯހިމެނުން 2022' ގައި ބޭނުން ކުރުމަށް ތައްޔާރު ކޮށްފައިވާ ލޯގޯ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުވާ ލިޔެކިޔުންތަކުގައި ބޭނުން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި ލޯގޯ ޖެހުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ސަރުކާރުގެ އޮފީސްތަކަށް މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. އެ މައުލޫމާތު ލިބުމުން ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ލިޔެކިޔުންތަކުގައި އެ ލޯގޯ ބޭނުންކުރުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރެވެ. އެގޮތުން ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސްފައިވާ އިރު، 1931 ވަނަ އަހަރު މެދުކެނޑުމެއް އައިސް އެންމެފަހުން ބޯހިމެނުމެއް ކުރިއަށް ގެންގޮސްފައި ވަނީ 2014 ވަނަ އަހަރެވެ. ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402071 މީހުންނެވެ.

ނަމަވެސް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ހޯދުންތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ މިހާރު 557،426 މީހުންނެވެ. އޭގެ ތެރެއިން 40 ޕަސަންޓު މީހުން މާލޭގަ އުޅޭއިރު އެއީ ޖުމްލަ 227،486 މީހުންނެވެ. އެންމެ ގިނަ މީހުން އުޅޭ ކ. އަތޮޅުގައި ދިރިއުޅެނީ 41،382 މީހުންނެވެ. އަދި އެންމެ މަދު މީހުން އުޅެނީ ވ. އަތޮޅުގައި ކަމަށްވާއިރު، އެއީ 2،688 މީހުންނެވެ.

ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 ވަނަ އަހަރު ކުރިއަށް ގެންދަން ނިންމާފައި ވަނީ 2020 ވަނަ އަހަރު ފަހުކޮޅުގައެވެ.