ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ޒުވާނުންނަށް ތަމްރީނު ދިނުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން "ސްކިލްސް ފޯ އަ ރެޒެލިއެންޓް ވޯކްފޯސް" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގެ ދަށުން އިތުރު 35 ކޯހަކަށް އެ މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެހެން އަހަރުތަކާ ހިލާފަށް، މިއަހަރުގެ ކޯސްތަކަށް ވަޒީފާގައި އުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށާއި، އަންނަ މާޗް މަހުގެ 10 ގެ ކުރިން އެ ކޯސްތަކަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހިންގާ އެ ޕްރޮގްރާމްގެ ދަށުން،ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން 11 ކޯހަކުން 350 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ ތިން ފަރާތަކާ މިއަދު ހަވާލުކޮށްފައިވެއެވެ. އެ ތިން ފަރާތަކީ:

  • ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް
  • މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ
  • މޯލްޑިވްސް މެރިޓައިމް އެކަޑެމީ

މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމްގެ ދަށުން ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައިޓީ، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާ ހިމެނޭ ކަމަށާއި، އެގޮތުން މި ޕްރޮގްރާމްގެ ދަށުން ހިންގާ ކޯސްތަކުގެ ތެރޭގައި ލެވެލް 3 ގެ ސެޓްފިކެޓް ކޯސްތައް ހިމެނޭ ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ކޯސްތައް ހިންގަން އަމިއްލަ ތިން ފަރާތަކާ ހަވާލުކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ގައުމު ކުރިއަށްދާނީ ހުނަރުވެރި އަދި ފަންނުވެރި ޖީލެއް ބިނާވެގެން ކަމަށެވެ. އަދި ސަރުކާރުން އެކަމަށްޓަކައި މަސައްކަތް ކުރަމުންދާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން އިތުރު 35 ކޯހެއް ހިންގުމަށްވެސް މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވާއިރު، އެހެން އަހަރުތަކާ ހިލާފަށް، މިއަހަރުގެ ކޯސްތަކަށް ވަޒީފާގައި އުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު 14 ކޯހެއް ހިންގަން އަމިއްލަ ހަތަރު ފަރާތަކާ ހަވާލުކޮށް 565 ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން މިހާތަނަށް 83 ދަރިވަރުން ދަސްވެނިވެ ސަނަދު ހާސިލުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، އެ ޕްރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.