ދުނިޔޭގެ އާބާދީގެ 75 ޕަސެންޓް މީހުން ބޭނުން ވަނީ، އެއް ފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކް، ވީ އެންމެ އަވަހަކަށް މަނާ ކުރުމަށް ކަމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މާކެޓް ރިސާޗްއާއި އާންމުން ދެކޭ ގޮތް ވަޒަން ކުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އިޕްސޮސް ސާވޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 28 ގައުމަކުން 20000 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.

މިފަދަ ދިރާސާއެއް އެންމެ ފަހުން ކުރިއަށް ގެންދިޔައީ 2019 ވަނަ އަހަރުގައި ކަމަށް ވާ އިރު، އެއް ފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކް، ވީ އެންމެ އަވަހަކަށް މަނާ ކުރުމަށް ތާއީދު ކުރާ މީހުންގެ ނިސްބަތް، 71 ޕަސެންޓް އިތުރު ވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މުދާ ބަންދު ކުރުމުގައި ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ބޭނުން ވާ މީހުންގެ އަދަދުވެސް ވަނީ 75 ޕަސެންޓުން 82 ޕަސެންޓަށް އިތުރު ވެފައެވެ.

ވޯލްޑް ވައިލްޑްލައިފް ފަންޑް ވޯލްޑްވައިޑްގެ ޑައިރެކްޓަރެއް ކަމަށް ވާ މާކޯ ލެމްބާޓީނީ ވިދާޅުވީ، ދުނިޔެގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުން ދެކޭ ގޮތް ހާމަވެއްޖެ ކަމަށެވެ. މިހާރު އަމަލު ކުރުން އޮތީ ސަރުކާރުތަކަށް ކަމަށާ، އެ ގޮތުން ޕްލާސްޓިކްގެ ތަޣައްޔަރުކަން ނައްތާލުމަށް ގައުމުތަކުން މުއާހަދާއެއް ބަލައިގަތުން އޮތީ ސަރުކާރުތަކަށް ކަމަށް ލެމްބާޓިނީ ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ، ޕްލާސްޓިކްގެ ތަޣައްޔަރުކަން ނައްތާލުމަށް ބައިނަލްއަގުވާމީ ފެންވަރުގެ މުއާހަދާއެއް އެކުލަވާލުމަށް އދއިން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެކެވެ. ސާވޭގައި ބައިވެރިވި 90 ޕަސެންޓް މީހުން ވަނީ އދގެ މުއާހަދާއަށް ތާއީދު ކޮށްފައެވެ.