ކޮވިޑް ފެތުރޭ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިންގެ ތިން ޑޯޒް ފުރިހަމަ ކޮށްފައި ނުވާ ނަމަ ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށް އާ ގަވައިދެއް ހަދައިފިއެވެ.

މި އުސޫލު ނެރެފައި މިވަނީ މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލާފައި ވަނިކޮށެވެ.

މިއަދު އާންމުކުރި، "މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގައި އަމަލު ކުރާނެގޮތުގެ އުސޫލު"ގައި ރަށްރަށުގައި ބަލި ފެތުރޭ ކަމަށް ކަނޑައަޅާނެ މިންގަނޑުތަކާއި އަޅާނެ ފިޔަވަޅުތަކުގެ އިތުރުން އަމަލުކުރަންވީ ގޮތް ވެސް ވަނީ ހާމަކޮށްފައެވެ.

މިގޮތުން ރަށެއްގައި ބަލި ފެތުރޭ ކަމަށް ކަނޑައަޅާނީ އެރަށެއްގެ ޕޮޒިޓިވިޓީ ރޭޓު 20 ޕަސަންޓަށްވުރެ މަތިވުމުންނެވެ. އަދި ޕޮޒިިވިޓީ ރޭޓު 20 ޕަސަންޓަށްވުރެ ދަށުގައި އުޅޭތާ ހަފްތާއެއް ވުމުން، އެއީ އެ ރަށެއްގައި ބަލި ކޮންޓްރޯލް ވީ ކަމަށް ކަނޑައަޅާނެއެވެ.

އެޗްޕީއޭއިން ބުނީ ރަށެއްގައި ކޮވިޑް ފެތުރޭ ހާލަތު ދެނެގަތުމާއި މޮނިޓާކުރުމަށްޓަކައި ބަލީގެ އަލާމާތްތައް ފެންނަ ހުރިހާ ފަރާތްތައް ޓެސްޓުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ބަލީގެ އަލާމާތް ހުންނަ ފަރާތްތައް އެންޓިޖަން ނުވަތަ ޕީސީއާރު ޓެސްޓު ހެދޭނެއެވެ.

މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ޓެސްޓް ކުރުމާއި ރާއްޖެއިން ބޭރުން އަންނަ މީހުންގެ ޓެސްޓް ކުރަން ވެސް ޖެހޭނެއެވެ.