ގަވާއިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތް ކޮށް، ސައްހަނޫން ލިޔެކިޔުން ބޭނުން ކޮށްގެން ފައިސާ، ރާއްޖެއިން ބޭރުކުރާ މައްސަލައިގައި 11 ބިދޭސީއަކު ޑީޕޯޓުކޮށްލާފައިވާ ކަމަށް ޑެޕިއުޓީ އިމްގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން މިހެން ވިދާޅުވެފައިވަނީ ހާރިޖީ ގުޅުންތަކާ ބެހޭ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. މި ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝިފާން ވިދާޅުވީ ފުލުހުންނާ ގުޅިގެން ބިދޭސީން ކުށްތަކުގައި އުޅޭ މައްސަލައަށް ހައްލު ހޯދުމަށް ޖޮއިންޓް އޮޕަރޭޝަންތަކެއް ހިންގަމުން އަންނަ ކަމަށެވެ.

މިގޮތުން ހަށިވިއްކުމުގެ ވިޔަފާރީގައި އާއި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި އުޅޭ ބިދޭސީންނަށް ހާއްސަކޮށް ފާރަލަމުން އަންނަ ކަމަށް ޝިފާން ވިދާޅުވިއެވެ.

ބްލެކް މާކެޓްގައި ލާރި މާރުކުރުން، އެ ކަހަލަ ކުށްތަކުގައި، ފުލުހުންނާ ގުޅިގެން މި ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު 11 ވަރަކަށް ފަރާތެއް ޓާގެޓެޑް އޮޕަރޭޝަންތައް ހިންގައިގެން ބޭރުކުރެވިފައި ވަނީ.
ޑެޕިއުޓީ އިމްގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން

މީގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ވަރަށް ގިނަ ބިދޭސީން އުޅޭ ކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވީ ވޭތުވެދިޔަ އެއް އަހަރު ތެރޭ 46 ބިދޭސީން ފޮނުވާލާފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތް ކޮށް، ސައްހަނޫން ލިޔެކިޔުން ބޭނުން ކޮށްގެން ފައިސާ، ރާއްޖެއިން ބޭރުކުރާ މައްސަލައިގައި ދާދި ފަހުން 4 ބިދޭސީން ވަނީ ޑީޕޯޓް ކޮށްލާފައެވެ.

މި މައްސަލާގައި ޑީޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝްގެ ރޮބީއުﷲ އާއި މުހައްމަދު ފިރުދައުސް އާއި މުހައްމަދު އިގްބާލު ހޮސައިން އަދި ޝޮހެލްއެވެ. އެ ހަތަރު މީހުން ރާއްޖެ ނާދެވޭ ގޮތަށް ޑާކާއަށް ފޮނުވާލާފައި ވަނީ މިދިޔަ ނުވެމްބަރު މަހު 10 ވަނަ ދުވަހުއެވެ.