ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ޑިސެމްބަރު މަހު އަތުލައިގެން 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގާ ތުހުމަތުވާ 3 މީހެއްގެ ފޯން ހުޅުވުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެނުދިނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެ ރަށު އިރުމަތީގޭ، އަހުމަދު ސުނައިނު ހައްޔަރަށް ގެންގޮސް އެމީހުންގެ ފޯނުގެ މައުލޫމާތު ދިނުމަށް އެންގުމުން އެކަމަށް އިންކާރުކުރިއެވެ. އަދި އެ މައުލޫމާތު ހޯދުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އެ އަމުރު ދޭން އެ ކޯޓުން ދެކޮޅު ހެދީ އެފަދަ އަމުރުތައް ނެރުމާ ބެހޭގޮތުން އެ ކޯޓުން ކުރިން ނިންމާފައި ހުރި ނިންމުންތަކަށް ރިއާޔަތްކޮށް ކަމަށް ބުނެއެވެ.
މި މައްސަލަ ދައުލަތުން އިސްތިއުނާފުކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމުގައި އެ ކޯޓުގެ ކުރީގެ ނިންމުންތަކުގައި ބުނާ ކަންކަން އެ މައްސަލައިގައި ފުރިހަމަނުވާ ކަމަށް ބުނެފައިވީ ނަމަވެސް ފުރިހަމަ ނުވަނީ ކޮން ކަމެއް ކަން އެ ނިންމުމުން އެނގެން ނެތް ކަމަށާއި އަމުރެއް ނުދޭން ނިންމާނަމަ އެ ކަމުގެ ސަބަބު ބުނެދޭން ޖެހޭއިރު ކްރިމިނަލް ކޯޓުން އެގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ.
ހައި ކޯޓު ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިއްތިފާގުން ނިންމެވީ ކްރިމިނަލް ކޯޓުން އަމުރު ނެރެނުދޭން ނިންމި ނިންމުން ބާތިލް ކުރުމަށެވެ. ކްރިމިނަލް ކޯޓުން ހެކި ވަޒަންކޮށް އެކަމާ މެދު ގޮތެއް ނިންމާފައި ނެތުމުގެ ސަބަބުން މި މަރުހަލާގައި އެކަމާ މެދު ގޮތެއް ނިންމެން ނެތުމުން ކަމަށް ބުނެ ހައި ކޯޓުންވެސް އަމުރެއް ނެރެދީފައެއް ނުވެއެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަސް މީހަކު ތިބި ނަމަވެސް، ފުލުހުން ހައްޔަރު ކުރީ ތިން މީހުންނެވެ. އެއީ ގދ. ހޯޑެއްދޫ، އަލޯރާ، އުމުރުން 29 އަހަރުގެ އަހްމަދު މުޖާހިދު އާއި ގދ. ހޯޑެއްދޫ، ގުލޭނޫރަންމާގެ އުމުރުން 52 އަހަރުގެ އަލީ ޒުބައިރު އާއި، ގދ. ހޯޑެއްދޫ، އިރުމަތީގެ، އުމރުން 25 އަހަރުގެ އަހްމަދު ސުނައިނެވެ.
ނަމަވެސް މި މައްސަލއިގައި ތުހުމަތު ކުރެވޭ އެންމެ އިސްކޮށް ހަރަކާތްތެރިވި، ގދ. ހޯނޑެއްދޫ، އަލޯރާ، އުމުރުން 26 އަހަރުގެ އަރުޝަދު ހާލިދާއި، ގދ. ހޯޑެއްދޫ، ދޯދި، އުމުރުން 31 އަހަރުގެ މުހައްމަދު އަކްރަމް އަބްދުލްހަންނާން ފުލުހުން ހައްޔަރެއް ނުކުރެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މުޖާހިދަކީ އަރުޝަދުގެ ބޭބެއެވެ. ފުލުހުން ބުނާ ގޮތުގައި މި ޑްރަގަކީ އަރުޝަދު އިސްވެ ހުރެ އޭނާގެ އިރުޝާދުގެ ދަށުން އެތެރެ ކުރި ތަކެއްޗެވެ. އަދި ހައްޔަރު ކުރި ތިން މީހުން ވެސް އަމަލީ ގޮތުން އެކަމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.