ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.

އެކަން ހާމަކޮށް ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް، މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ކަމަށެވެ. އަދި މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި މި މަހުގެ 10 ވަނަ ދުވަހު ވެސް ސިންގަޕޫރަށް ވަޑައިގެންފައެވެ. ރައީސްގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ މި މަހުގެ 15 ގައެވެ.

މީގެ އިތުރުން ރައީސް ވަނީ އެ ދަތުރުފުޅަށްފަހު އަމިއްލަފުޅު އަތޮޅު، ޅ. އަތޮޅަށްވެސް ވަޑައިގެންފައެވެ.