ހޮސްޕިޓަލްތަކުގެ މަޝްރޫއުތައް މަޑުނުޖެހި ކުރިއަށްދާ ކަމަށާއި 25 ރަށެއްގެ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ތެރޭގައި ޓެންޑަކޮށް ހަވާލުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހަޅާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.
ގދ.ތިނަދޫގައި ގާއިމް ކުރާ ޓާޝަރީ ހޮސްޕިޓަލް ފެށޭނެ ތާރީހެއްގެ ސުވާލުކުރުމުން މިނިސްޓަރު ނަސީމް ވިދާޅުވީ އެ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެންޑަ ކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 25 ރަށެއްގެ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ތެރޭގައި ޓެންޑަކޮށް ހަވާލުކުރާނެ ކަމަށެވެ.
އޭގެ ތެރޭގައި އެނދުގެ އަދަދެއް އަދި ކަނޑައަޅާފައި ނުވާ 3 ހޮސްޕިޓަލެއްގެ މަސައްކަތާއި، 30 އެނދުގެ 12 ހޮސްޕިޓަލަކާއި، 50 އެނދުގެ ހަތް ހޮސްޕިޓަލަކާއި، 100 އެނދުގެ ތިން ޓާޝަރީ ހޮސްޕިޓަލެއްގެ މަސައްކަތް މި އަހަރު ތެރޭ ޓެންޑަކޮށް ހަވާލު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހަތް ހޮސްޕިޓަލެއްގެ މަސައްކަތް އަންނަ މާޗު މަހު ޓެންޑަ ކުރެވޭނެ ކަމަށާއި އަދި ދެން ހުރި ހޮސްޕިޓަލްތަކުގެ މަސައްކަތް ވެސް އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެންޑަ ކުރެވޭނެ ކަމުގައެވެ.
މި ރަށްރަށުގައި ހުރި ހޮސްޕިޓަލްތައް ތަރައްގީ ކުރުމާއި، ސިއްޚީ މަރުކަޒުތައް ހުރި ގިނަ ރަށްރަށުގައި ހޮސްޕިޓަލެއް ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު މި މަސައްކަތްތައް ލަސްވަމުންދާތީ ސަރުކާރަށް ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.