މުޖުތަމައުގެ ސަލާމަތާ ގުޅުން ހުރި ކަމެއްގައި ކޯޓު އަމުރަކާ އެކު، އެ ކަމަކާ ގުޅުން ހުރި ޒާތީ މައުލޫމާތު ފުލުހުންނަށް ދޫކުރެވޭނެ ކަމަށް އިއްޔެ ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުން މިގޮތަށް ހުކުމްކުރީ، ސޯޝަލް މީޑިއާގައި އެކައުންޓް ހަދައިގެން، އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ބައެއް ތަކެތި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގަފާނެ ކަމަށް އިންޒާރު ދެމުންދާ ކަމުގެ ތުހުމަތު ފުލުހުން ކުރާ މީހެއްގެ މައްޗަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން، ފުލުހުން ވަނީ މުދަލާއި ލިޔެކިއުމުގެ މައުލޫމާތު ހޯދައި ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ. އަދި އެ އަމުރުގެ ދަށުން، ފުލުހުން ވަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ މެދުވެރިކޮށް، އެމީހާ ބޭނުންކުރާ ހަ ފޯނު ނަންބަރުގެ ވެރިފަރާތުގެ މައުލޫމާތާއި، އެ ނަންބަރުތަކުން ކޮށްފައިވާ އަދި އެ ނަންބަރުތަކަށް އައިސްފައިވާ ކޯލްތަކާއި އެ ކޯލްތަކުގެ ރެކޯޑިންތަކާއި، ކުރި މެސެޖުތަކާއި، ސިމް ކާޑު ބޭނުންކޮށްފައިވާ ފޯނުތަކުގެ އައިއެމްއީއައި ނަންބަރުތައް ހޯދަން އެދިފައެވެ.

އެ އަމުރު ނެރެދިނުމަށް ފުލުހުން އެދިފައިވަނީ ގާނޫނުއަސާސީއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ކަމަށްވީ ނަމަވެސް، ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ އަމުރު ނެރެދިނުމަށް އެދުނު މާއްދާތަކުގެ ދަށުން ކޯޓު އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެހެންވެ، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން، މައްސަލަ ބެލުމަށްފަހު އިއްޔެ ހައިކޯޓުން ކުރި ހުކުމްގައި ބުނީ، މިއީ ރާއްޖޭގައި މުވާސަލާތީ ހިދުމަތް ލިބިގަންނަ ފަރާތަކުން، މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން، ޓެރަރިޒަމްގެ ކުށްތަކެއް ކުރާ ކަމަށް ތުހުމަތުކުރެވޭތީ، އެ ކުށްތަކާ ގުޅުވައިދޭ ހެކިތައް ހޯދުމަށް، މައުލޫމާތާއި ތަކެތި ހޯދައި ހިފެހެއްޓުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލައެއް ކަމަށެވެ.

އޭގެ އިތުރުން، ފުލުހުންނަށް ގާނޫނުއަސާސީއާއި ގާނޫނުތަކުން ލާޒިމްކޮށްފައިވާ ކަންކަން ކުރުމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ގާނޫނު މާނައެއް ނުކުރެވޭނެ ކަމަށާއި، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި އެއްކުރަން ޖެހޭ މައުލޫމާތު ހޯދުމަށް ކޯޓު އަމުރަކަށް އެދެވޭނެ ކަމަށްވެސް އެ ހުކުމްގައިވެއެވެ. އަދި ޖިނާއީ ކުށެއް ހުއްޓުވުމަށްޓަކައި، ނުވަތަ ތަހުގީގަށް ބޭނުންވެގެން، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންނަށް މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް އެ ހުކުމްގައިވެއެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް ހައިކޯޓުން ކުރި ހުކުމްގައި ބުނީ، ފުލުހުން ހުށަހަޅާފައިވަނީ ޒާތީ މުއާސަލާތްތައް ރައްކާތެރިކުރުމަށް އޮތް ހައްގާ ބަލާއިރު، މާ ބޮޑު ހުށަހެޅުމެއް ކަމަށާއި، ފުލުހުންނަށް ދޫކުރެވޭނީ ސީދާ މައްސަލައާ ގުޅުންހުރި މައުލޫމާތު ކަމަށެވެ. ވުމާއެކު، ކޮމިއުނިކޭޝަންސް އޮތޯރިޓީން މައުލޫމާތު ހޯދުމުގެ ކުރިން، ތުހުމަތުކުރެވޭ މީހާގެ ރުހުން އޮތްތޯ ބަލައި، އެގޮތުގެ މަތިން އެ އޮތޯރިޓީއަށް ހުށަހަޅައިގެން މައުލޫމާތު ހޯދުން ރަނގަޅު ކަމަށެވެ.

އޭނާގެ ރުހުން ނެތްނަމަ، ހޯދަންޖެހޭ މައުލޫމާތު ތުހުމަތާ ގުޅޭ މިންވަރު ބަޔާންކޮށް، އެ މައުލޫމާތު ކޮމިއުނިކޭޝަންސް އޮތޯރިޓީން ލިބިދިނުން އެދި ކޯޓު އަމުރެއް ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށްވެސް އަންގާފައިވެއެވެ.