ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހުގައެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ނިޒާމެކެވެ.

މި ނިޒާމު ގާއިމުކުރުމާއި ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކުގެ ތެރޭގައި މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުން ހިމެނެއެވެ.

މީގެ އިތުރުން އައިޑެންޓިޓީގެ ވެރިފަރާތާއި ގުޅުންހުރި ރަސްމީ މައުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ގާއިމްކޮށް ދައުލަތުގެ އިދާރާތަކަށާއި ދަޢުލަތް ހިއްސާވާ ކުންފުނިތަކަށް މި ހިދުމަތް ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ(އެންސީއައީޓީ) އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގުޅިގެން ތަރައްޤީކޮށް ހިންގުން ހިމެނެއެވެ.

ހަމައެހެންމެ ޑީއެންއާރުގައި ބޭނުންކުރާ އައިޑެންޓީޓީ މެނޭޖްމަންޓް ސިސްޓަމް ޒަމާނީ ބަޔޯމެޓްރިކް ސިސްޓަމަކަށް އަޕްގްރޭޑްކޮށް އާ ނަންބަރިން ސިސްޓަމަކާއެކު ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑުގެ ނިޒާމެއް އެންސީއައިޓީއާ ޑީއެންއާރު ގުޅިގެން ތަރައްޤީކޮށް ހިންގުން ހިމެނެއެވެ. އަދި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުންވެސް ހިމެނެއެވެ.

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ހާސިލުވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ޤާއިމުކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތަޢާރަފުވުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުވުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތަޢާރަފުކުރުން ހިމެނެއެވެ.