ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްގެ މަގާމަށް އާސިމް މުހައްމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ޕީސީބެ ރައީސް ކަމަށް އާސިމް އައްޔަނު ކުރުމަށް ފެންނަ ކަމަށް 55 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި އެއްވެސް މެންބަރަކު ރުހުން ނުދިނުމަށް ވޯޓު ދީފައިނުވެއެވެ.

ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސަކުރީ ސްޓޭޓް އޯންޑް އެންޓާޕްރައިޒަސް ކޮމިޓީންނެވެ.

ޕީސީބީގެ ރައީސްކަމަށް އާސިމް އައްޔަންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ. ޕީސީބީގެ ރައީސްކަމަށް އާސިމް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ އެ ބޯޑްގެ ނާއިބު ރައީސްކަމުގެ މަގާމުގައެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގައި އާސިމްގެ އިތުރުން ދެން ތިއްބެވި މެންބަރުންނަކީ އައިޝަތު ޝާޒްލީ، އަލީ ޝަފީއު، އަހްމަދު ޝަރީފް ޔޫސުފް، ރުޝާހާ އަހަމްދު ޝަރީފް އަދި އަލީ ސުޖާއުއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ އެ ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު އޭރު ރައީސް ކަން ކުރައްވާ ބޭފުޅެކެވެ.