ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން އަޅަން ފެށި ފްލެޓުތައް ނުނިމޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.
ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޕޮލްކޯ އިން ހުޅުމާލޭގައި ފްލެޓުތަކެއް އެޅުމުގެ މަސައްކަތް ފެށީ 2012 ގައެވެ. އަދި ސިފައިންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ސިފްކޯއިން ފްލެޓު އަޅަން ފެށީ 2013 ގައެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު އަދި މިހާތަނަށް އައިއިރު ވެސް ނިމިފައެއް ނުވެއެވެ.
މިއަދު އެސްއީއީ ކޮމިޓީގައި ބޭއްވި ބައްދަލުވުން ފައްޓަވަމުން ކޮމެޓީގެ މުގަރިއްރު އިލްޔާސް ލަބީބު، ވަނީ ކޮމެޓީ ކުރިއަށް ގެންދާނީ ސިއްރު ކޮށްގެންތޯ ސުވާލު ކުރައްވާފައެވެ. އަދި ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް، އެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވުމުން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައެވެ.
ބޮންޑޭ ވިދާޅުވީ، ޕޮލްކޯ އާއި ސިފްކޯއާ ގުޅޭ ވަރަށް ގިނަ ކަންތައްތަކެއް، ވަރަށް ކުރީއްސުރެ ހިނގާފައި އެބަހުރި ކަމަށެވެ. ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ ބާރު ނުފޯރާ ހިސާބަށް އަދި އެ ފަރާތުގެ ބާރު ވެސް ނުފޯރާ ވަރުގެ ކަންތައްތަކެއް ހިނގާފައި އެބަ ހުރި ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެހެންކަމުން އެ ކަންތައްތަކުގެ ތަފްސީލު ހާމަ ކުރެވޭނީ، ކޮމެޓީ ބައްދަލުވުން ސިއްރުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އާންމު ގޮތެއްގައި މަޖިލީހުގެ ކޮމެޓީތައް ސިއްރު ކުރަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމާއި ކޮމެޓީއަށް ހާޒިރު ކުރާ ފަރާތްތައް ހިއްސާ ކުރާ މައުލޫމާތުގެ ގޮތުން، އެ ފަރާތަކުން ކޮމެޓީ ބައްދަލުވުން ސިއްރުކުރަން އެދޭ ނަމައެވެ.