ޔޫކްރައިންގައި ތިބި 49 ދަރިވަރުން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ މިވަގުތު ރަޝިއާއާއި ޔޫކްރެއިންގައި ހަނގުރާމައެއް ފަށައިފި ނަމަ ނުރައްކާވާނެތީ ރައީސްއިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމާއި ގުޅިގެން ޔޫކްރެއިންގައި ދިރިއުޅޭ 50 ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 49 ދަރިވަރަކާއި ދަރިވަރެއްގެ އާއިލާގެ ފަރާތެއް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެމީހުންނާ ގުޅައި ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިނިސްޓްރީން މިހެން ބުނެފައިވާއިރު ފޮރިން މިނިސްޓްރީން ވަނީ، ޔޫކްރައިންގައި މިވަގުތު ތިބި ދިވެހިން އަނބުރާ ގެނައުމަށްޓަކައި އެ މިނިސްޓްރީން ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން، އެހީތެރިކަން ފޯރުކޮށްދޭނީ ހަމައެކަނި މިވަގުތު އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ކަމަށާއި، ޔޫކްރައިންގެ ބޯޑަރުތައް ހުޅުވާލާފައިވާ އޮތުމުން، ދަރިވަރުންނަށް ފްލައިޓްތަކުން އަނބުރާ އާދެވޭނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

މި ދަނޑިވަޅަކީ ޔޫކްރައިންގެ މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައި ވާ ދަނޑިވަޅެކެވެ. ޔޫކްރައިންގެ މަސްރަހު ނުތަނަވަސް ވެފައި ވަނީ، ރަޝިއާއިން ކޮންމެ ފަދަ ވަގުތެއްގައި ރަޝިއާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފަށާފާނެ ކަމުގެ އިންޒާރު، އެމެރިކާއާއި އެމެރިކާގެ ހުޅަނގުގެ ބައިވެރިން ދެމުންދާ ދިއުމާ ގުޅިގެންނެވެ.

އެމެރިކާއިން މިފަދަ އިންޒާރުތަކެއް ދެމުން ދަނީ ޔޫކްރައިންއާއި ރަޝިއާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ރަޝިއާގެ އަސްކަރީ ފިޔަވަޅުތިލަ ވަރުގަދަ ކުރަމުން ދާ ކަމުގެ ހެކި އެބަހުރި ކަމަށް ބުނެއެވެ. ރައްދުގައި ރަޝިއާއިން ބުނަމުން ދަނީ ހަނގުރާމައެއްގެ ޝައުގު ނެތް ކަމަށެވެ.