ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެންބަރުން އައްޔަން ކުރާއިރު، ސިޔާސީ މީހުން ނުހިމެނުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެ އިސްލާހު ބަލައިގަނެ ކޮމިޓީއަށް ފޮނުވުމާ ގުޅޭގޮތުން މިއަދު ނެގި ވޯޓުގައި، އެ ބިލު މަޖިލީހުން ބޭރުކޮށްލީ 46 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމަށް ވޯޓުދެއްވީ 11 މެމްބަރުންނެވެ.

ބިލުގެ ބަހުސްގައި އެމްޑީޕީން ބުނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މުހިންމު ކަމެއް ނަމަވެސް ތޯރިގު ހުށަހެޅުއްވި އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށާއި އަވަސް އަރުވާލައިގެން ޖޭއެސްސީ ބަދަލުކުރަން ބޭނުން ނުވާ ކަމަށެވެ.

އެ ބިލަށް އެމްއެންޕީގެ ތާއީދު އޮތްކަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިއްޔެ ވަނީ ހާމަ ކުރައްވައިފިއެވެ.

ޖޭއެސްސީއަށް ވަކިވަރަކަށް ސިޔާސީ ބާރުވެރިކަން ފޯރުވުމަށް މަޖިލީހުގެ މެންބަރަކު އިނުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.