ޔޫކްރައިންގައި މިވަގުތު ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެންނަން ސަރުކާރުން ނިންމައިފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވުމާ ގުޅިގެން، ޔޫކްރައިންގައި މިވަގުތު ތިބި ދަރިވަރުން ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެއާއެކު ފޮރިން މިނިސްޓްރީން ބުނީ، ރައީސްގެ އެންގެވުމާ އެއްގޮތަށް، ޔޫކްރައިންގައި މިވަގުތު ތިބި ދިވެހިން އަނބުރާ ގެނައުމަށްޓަކައި އެ މިނިސްޓްރީން ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެހީތެރިކަން ފޯރުކޮށްދޭނީ ހަމައެކަނި މިވަގުތު އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ކަމަށާއި، ޔޫކްރައިންގެ ބޯޑަރުތައް ހުޅުވާލާފައިވާ އޮތުމުން، ދަރިވަރުންނަށް ފްލައިޓްތަކުން އަނބުރާ އާދެވޭނެ ކަމަށް ބުންޏެވެ.

ޔޫކްރައިންގައި މަސްރަހު ގޯސްވެފައި އޮތުމުގެ ސަބަބުން، އެ ގައުމަށް ދިވެހިން ދަތުރުނުކުރުމަށާއި، އެ ގައުމުގައި ތިބި ދިވެހިން ސަރުކާރުގެ އެންގުންތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފޮރިން މިނިސްޓްރީން މިދިޔަ ހަފްތާގައި އަންގާފައިވެއެވެ. މިނިސްޓްރީން މިހެން ބުނެފައި ވަނީ، ސަރުކާރުން އެއްވެސް ވަރަކަށް އަޅާނުލާ ކަަމަށް ބުނެ، ޔޫކްރައިންގައި ތިބި ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އެކަމުގައި އަމާޒުވެފައި ވާއިރު، ބައެއް މަޖިލިސް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ޔޫކްރައިންގައި ތިބި ދިވެހިން ރައްކާތެރި ހިސާބަކަށް ބަދަލުކުރުމަށާއި، ނުވަތަ އަނބުރާ ގެނައުމަށް ސަރުކާރަށް ގޮވާލާފައެވެ.

މި ދަނޑިވަޅަކީ ޔޫކްރައިންގެ މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައި ވާ ދަނޑިވަޅެކެވެ. ޔޫކްރައިންގެ މަސްރަހު ނުތަނަވަސް ވެފައި ވަނީ، ރަޝިއާއިން ކޮންމެ ފަދަ ވަގުތެއްގައި ރަޝިއާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފަށާފާނެ ކަމުގެ އިންޒާރު، އެމެރިކާއާއި އެމެރިކާގެ ހުޅަނގުގެ ބައިވެރިން ދެމުންދާ ދިއުމާ ގުޅިގެންނެވެ.

އެމެރިކާއިން މިފަދަ އިންޒާރުތަކެއް ދެމުން ދަނީ ޔޫކްރައިންއާއި ރަޝިއާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ރަޝިއާގެ އަސްކަރީ ފިޔަވަޅުތިލަ ވަރުގަދަ ކުރަމުން ދާ ކަމުގެ ހެކި އެބަހުރި ކަމަށް ބުނެއެވެ. ރައްދުގައި ރަޝިއާއިން ބުނަމުން ދަނީ ހަނގުރާމައެއްގެ ޝައުގު ނެތް ކަމަށެވެ.