ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އިލިޔާސް މިފަދައިން ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މަހިބަނދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ހުށަހަޅާފައިވާ އިސްލާހްގެ ބަހުސްގެ ތެރޭގައެވެ.
އިލިޔާސް ވަނީ ޖޭއެސްސީއަށް ބަލަދު ގެންނަން ތާއީދުކޮށް ވާހަކަދައްވާފައެވެ. އޭނާ ވަނީ އާ ގާނޫނު އަސާސީ އެކުވަލާލާ ގިނަ ދުވަސްތަކެއްވެފައިވާއިރު ޖޭއެސްސީއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އިލިޔާސް ވަނީ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެކަމަށް އެމްޑީޕީން ވެސް ވައުދުވި ކަމަށާއި ރައީސްގެ މެމްބަރަކު ޖޭއެސްސީގައި އިންނަވާއިރު މަޖިލީހުގެ ރައީސް ވެސް ޖޭއެސްސީގައި އިންނަވުމަކީ އެއްމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އިލިޔާސް އިތުރަށް ވިދާޅުވީ ޖޭއެސްސީގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތިބުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށާއި އެކަކު ނޫނީ ދެ ފަނޑިޔާރުން ތިބުން މުހިންމު ކަަމަށެވެ. އަދި ޖޭއޭސްސީއަށް ކަނޑައަޅާނެ އިތުރު ފަރާތްތަށް ފުޅާކޮށް މަޝްވަރާކުރަން ޖެހޭ ކަމަށްވެސް އިލްޔާސްގެ ވާހަކައިގާ ވަނީ ފާހަގަކުރައްވާފައެވެ.
އެ ބިލަށް އެމްއެންޕީގެ ތާއީދު އޮތްކަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިއްޔެ ވަނީ ހާމަ ކުރައްވައިފިއެވެ.
އެމްޑީޕީއިން ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި ގުޅޭ ގޮތުން އެމްޑީޕީގެ ކޮންގްރެސްގައި މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެމްޑީޕީގެ ކޮންގްރެސް އޮންނާނީ މިއަހަރުގެ ފަހުކޮޅު ކަމަށްވެސް އެ ޕާޓީއިން ބުނެއެވެ.
މި ބިލާ ގުޅިގެން ހިޔާލު ތަފާތުކުރުން ތަކެއް އުޅޭއިރު ޖޭއެސްސީއަށް ވަކިވަރަކަށް ސިޔާސީ ބާރުވެރިކަން ފޯރުވުމަށް މަޖިލީހުގެ މެންބަރަކު އިނުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.