ގާނޫނުއަސާސީ އަށް ހުށަހަޅަން އެމްޑީޕީން ގަސްދުކުރާ އިސްލާހުތަކާއި ގުޅޭގޮތުން ޕާޓީތަކާ އެކު މަޝްވަރާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މަހިބަނދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ހުށަހަޅާފައިވާ އިސްލާހްގެ ބަހުސްގެ ތެރޭގައެވެ.

މި އިސްލާހު މަޖިލީހަށް ތަކުރާރުކޮށް މަހިބަނދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ ހުށައަޅާފައެވެ. އެގޮތުން މިދިޔަ 2020 އަދި 2021 ވަނަ އަހަރުވެސް ތޯރިގު ވަނީ ހުށައަޅާފައެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުން މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާފައިވާ ކަމަށާއި އެހެންނަމަވެސް އެ އިސްލާހުތައް ހަމައެކަނި އެމްޑީޕީން އެދޭ ގޮތަށް ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

އެ ބިލަށް އެމްއެންޕީގެ ތާއީދު އޮތްކަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިއްޔެ ވަނީ ހާމަ ކުރައްވައިފިއެވެ.

އެމްޑީޕީއިން ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި ގުޅޭ ގޮތުން އެމްޑީޕީގެ ކޮންގްރެސްގައި މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެމްޑީޕީގެ ކޮންގްރެސް އޮންނާނީ މިއަހަރުގެ ފަހުކޮޅު ކަމަށްވެސް އެ ޕާޓީއިން ބުނެއެވެ.

މި ބިލާ ގުޅިގެން ހިޔާލު ތަފާތުކުރުން ތަކެއް އުޅޭއިރު ޖޭއެސްސީއަށް ވަކިވަރަކަށް ސިޔާސީ ބާރުވެރިކަން ފޯރުވުމަށް މަޖިލީހުގެ މެންބަރަކު އިނުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.