ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 53 މައްސަލައެއްގައި 14 އަހަރުގެ އެއްކުއްޖަކު ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެމައުލޫމާތު ހާމަކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓުން އިއްޔެ ބޭއްވި "މީޑިއާ އިވެންޓް" ގައެވެ.

އެ މައުލޫމާތަށް ބަލާއިރު ޖެނުއަރީ 1، 2019 އިން ފެށިގެން ޑިސެމްބަރު 31، 2021 ގެ ނިޔަލަށް ތަފާތު އެކި މައްސަލަތަކުގައި ޖުމްލަ 354 ފަހަރު އެ ކުއްޖާއާ ސުވާލުކޮށްފައިވެއެވެ. އަދި އެ މުއްދަތުގައި މި ކުއްޖާގެ މަސްތުވާތަކެތި ވިއްކުމުގެ 2 މައްސަލައަކާއި މަސްތުވާތަކެތި ބޭނުންކުރުމުގެ 16 މައްސަލައަކާއި މަސްތުވާތަކެތި ގެންގުޅުމުގެ 35 މައްސަލައެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ވޭތުވެދިޔަ 3 އަހަރު މި ކުއްޖާއާ ސުވާލުކުރި މައްސަލަތަކާއި އަދަދު:

  • 2019 - މަސްތުވާތަކެތި ވިއްކުމާއި، މަސްތުވާތަކެތި ބޭނުންކުރުން އަދި މަސްތުވާތަކެތި ގެންގުޅުމުގެ 1 މައްސަލަ
  • 2020 - މަސްތުވާތަކެތި ބޭނުންކުރުމުގެ 3 މައްސަލަ އަދި މަސްތުވާތަކެތި ގެންގުޅުމުގެ 9 މައްސަލަ
  • 2021- މަސްތުވާތަކެތި ވިއްކުމުގެ 1 މައްސަލަ، މަސްތުވާތަކެތި ބޭނުންކުރުމުގެ 12 މައްސަލަ އަދި މަސްތުވާތަކެތި ގެންގުޅުމުގެ 25 މައްސަލަ

ފުލުހުން ބުނީ މި ކުއްްޖާ ހިމެނޭ އިތުރު ކުށްތަކުގެ ތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމާއި މާރާމާރީ ހިންގުމާއި ސްކޫލަށް ގެއްލުން ދޭން މަސައްކަތް ކުރުމާއި ރަހީނު ކުރުމާއި ވައްކަމާއި ފިލަން މަސައްކަތް ކުރުމާއި ލައިސަންސް ނެތި ސައިކަލް ދުއްވުމާއި ގްރޫޕް ހަދައިގެން މަގުމަތީގައި އުޅުން ހިމެނޭ ކަމަށެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބުނީ އެ ކުއްޖާ ކުށުގެ މާހައުލުން ދުރުކުރުމަށް ޖުވެނައިލް ޖަސްޓިސް އިން ހިންގާ ޕްރޮގްރާމް ތަކަށް ކުއްޖާގެ އެއްބާރުލުން ނުލިބޭތީ ސެޝަންތައް ކުރިއަށް ނުގެންދެވޭ ކަމަށާއި ކުއްޖާ ޒިންމާދާރު ކަމެއްގެ ތެރޭގައި ޝާމިލް ކުރުމުގެ ގޮތުން ކުއްޖާ ގަވާއިދުން ސްކޫލަށް ދިޔުމާއި ގުޅޭގޮތުން ވާހަކަ ދެކެވި އަލުން ކުއްޖާއަށް ތައުލީމު ހާސިލު ކުރުމަށް ފުރުސަތު ހޯދާދެވިފައިވާ ކަމަށެވެ.