މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހަށް ޖަލަށް ލާން ހުކުމްކުރި ގއ. ދެއްވަދޫ، ޑޯރެންސީވިލާ، އަބްދުﷲ ޖުނައިދު ޝަރުތުތަކަކާއެކު ދޫކޮށްލައިފައި ވަނިކޮށް ދައުލަތުގެ އިދާރާތަކަށް ނޭނގި ރާއްޖެއިން ބޭރަށް ފުރައިގެން ހިނގައްޖެއެވެ.

އޭނާ ރާއްޖެއިން ބޭރަށް ފުރާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ޖުނައިދާ ގުޅޭ މައުލޫމާތު މިއަދު ހާމަކުރައްވަމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ، ބައެއްގެ އަތުން ފައިސާތަކެއް ނަގައި އެ ނުދޭންވެގެން ފޭކް މަސްތުވާތަކެތި ހަދައި އެ ބަސްޓްވީ ކަމަށް ހަދައި އެމީހުންނަށް ފައިސާ ނުދޭން ޑްރާމާ ކުޅުނު ޖުނައިދުގެ މައްސަލަ ތަހުގީގުކޮށް މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް ހުުޅުވޭ އައިލެމްޑް ހޮޓެލްގައި ހުއްޓާ ކަމަށެވެ.

ޖުނައިދުގެ ބަންދުގެ މުއްދަތު ޖަހަން އެދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލާފައި ވަނީ، މީހެއްގެ ވިސްނުމުން ބަލާއިރު ފުލުހުން ދައްކާ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށް ގާޒީ ބުނެއެވެ. އެގޮތުން އެތަކެތި އެތަނުގައި ބެހެއްޓި މީހާ އަމިއްލަ އަށް ފުލުހުންނަށް ރިޕޯޓު ނުކުރާނެ ކަމަށް ގާޒީ ވިދާޅުވި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ކޯޓުން ޖުނައިދު ދޫކޮށްލުމާ އެކު ޖެހިގެން އައި ދުވަހު އޭނާ ވަނީ ރާއްޖެއިން ފުރާފައެވެ. ފުލުހުން މިއަދު ބުނީ އޭނާ އުޅެނީ ތުރުކީ އަންހެނަކާ ކައިވެނިކޮށްގެން ކަމަށާއި މި މައްސަލައިގެ ތަހުގީގު އެއްކޮށް ނިމިފައިވާ ކަމަށާއި ހަމައެކަނި ނުނިމި އޮތީ އޭނާގެ ބަޔާން ނެގުން ކަމަށެވެ.

"ޖުނައިދު އަމިއްލައަށް ފުލުހުން ކައިރިއަށް އައިސް މި ބުނަނީ އެތަނުގައި ތިން ކިލޯގެ މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ބަހައްޓާފައި ތިމަންނަ ފެނުނީމަ މީހަކު ހިނގައްޖެއޭ. އެހިސާބުން މި ޝައްކު އުފެދުނީ. ތިން ކިލޯކަން އޭނާ އަށް ބުނަން އެނގެންވީ ކީއްވެތޯ. އެ ފޮށިގަނޑުގައި އެބުނާހެން ހުރީ ވެސް ހަމަ ތިން ކިލޯއެއްހާ އެއްޗެހި،"
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު

މި މައްސަލަ ފެށިގެން އައި ގޮތް ހާމަ ކުރައްވަމުން ޝާކިރު ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު މާލޭގެ ނީލަން ފިހާރަ ކައިރިން ބަނގުރާ ކަމަށް ބުނެ ދިޔާއެއްޗެއް އަޅާފައި ހުރި ފުޅިތަކެއް ހިމެނޭ ދެ ފޮއްޓެއް އަތުލައިގެން މައްސަލަ ތަހުގީގު ކުރި ކުރުމުން އެނގުނު ގޮތުގައި އެ ސީންއަކީ ޖުނައިދު ކުޅުނު ޑްރާމާއެއް ކަން އެނގިފައިވާ ކަމަށެވެ. ތިން ކިލޯގެ މަސްތުވާތަކެތި މީހަކަށް ހޯދައިދޭނެ ކަމަށް ބުނުމަށް ފަހު އެ މީހާގެ އަތުން 160،000 ރުފިޔާ ހޯދައި އެމީހާ އަށް އެ ފައިސާ ނުދޭންވެގެން، ފޭކް މަސްތުވާތެކެތި ހަދައި، އެ ފޮށި ގެންގޮސް އެތަނުގައި ބަހައްޓާފައި އެ ސަރަހައްދުގައި ޕެޓްރޯލް ކުރަން އުޅުނު ދެ ފުލުހަކަށް އެ ކަން ރިޕޯޓް ކުރީވެސް ޖުނައިދު ކަމަށް ޝާކިރު ވިދާޅުވިއެވެ.

ޖުނައިދު ފުލުހުން ގާތުގައި ބުނި ކަމަށް ޝާކިރު ވިދާޅުވީ، ތިން ކިލޯގެ މަސްތުވާތަކެތި ހުރި ފޮށިގަނޑެއް ބަހައްޓާފައި އެ ފޮށިގަނޑު ގެނައި މީހުން ފިލީ ކަަމަށެވެ. ޖުނައިދު ބުނިހެން އެ ފޮށިގަނޑުގައި ހުރީ ތިން ކިލޯގެ އެއްޗެހި ކަމަށާއި އެހެން ސީދާ އޭނާއަށް ބުނަން އެނގުމުން އޭނާއާ މެދު ޝައްކު އުފެދުނު ކަމަށް ޝާކިރު ވިދާޅުވިއެވެ. އަދި އެއަށް ފަހު ސީންގައި މަޑުކޮށްލުމަށް ފަހު ސީންގެ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި "އެމްވީ ކްރައިސިސް" އަށް އެ ވީޑިއޯ ފޮނުވައި، އޭނާ އެތަނުން ދިޔައީ ހުޅުމާލެއަށް ކަމަށް ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ ޖުނައިދަށް ފައިސާ ދިން ތިން މީހުން މި ހާދިސާ ހިނގި ރޭ ޖުނައިދު ރަހީނު ކޮށްފައިވާ ކަމަށެވެ. އެއަށް ފަހު އެރޭ މެންދަމު 3:29 ހާއިރު ޖުނައިދުގެ ބޭބެއަށް ގުޅައި އެ ފައިސާ ދިނުމަށް ޖުނައިދު ރަހީނު ކުރި ތިން މީހުން އެދިފައި ވާ ކަމަށް ޝާކިރު ވިދާޅުވިއެވެ. އެކަމަކު ދެވެން އޮތީ 10،000 ރުފިޔާ ކަމަށް ޖުނައިދުގެ ބޭބެ ބުނުމުން އެމީހުން ޖުނައިދު ގޮވައިގެން އޭނާގެ ބޭބެ ކައިރިއަށް ދިޔަ ކަމަށާއި އެތަނުގައި ފުލުހުން ތިބުމުން އެމީހުން ބުނެފައި ވަނީ ޖުނައިދު ރަހީނު ނުކުރާ ކަމަށާއި ޖެހިގެން އުޅެނީ ފައިސާގެ މައްސަލައެއް ކަމަށެވެ.

މީގެ ކުރިން މަސްތުވާތަކެތި ޓްރެފިކް ކުރި ކުށުގައި އުމުރަށް ޖަލަށްލާފައި ހުރި ޖުނައިދަށް މާފު ދިނުމަށް ފަހު ޝަރުތުތަކަކާއެކު ދޫކޮށްލައިފައި ވަނީ ޖަލުގައި ހުންނަތާ ހަތް އަހަރު ފަހުންނެވެ. ޖުނައިދަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި، ކަރެކްޝަނަލް ސާވިސްގެ ހުއްދަނެތި އޭނާ އަށް ރާއްޖެއިން ބޭރަށް ނުފުރޭނެ ކަމަށް އަންގާފައި ވެއެވެ. އެ ސާވިސް އިން ވެސް ބުނެފައި ވަނީ ޖުނައިދު ފުރައިގެން ގޮސްފައި ވަނީ އެ އިދާރާއަށް ވެސް ނޭނގި ކަމަށެވެ.