މި އަހަރުގެ އެންމެ ރީތި ތާރީހު ކަމަށްވާ، 22/2/22 ގައި 85 ކައިވެންޏެއް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް، ފެމިލީ ކޯޓުން މިއަދު ބުނެފިއެވެ.

އެ ކޯޓުން ބުނީ މާދަމާ 85 ކައިވެންޏެއް ކޮށްދޭއިރު، އޭގެ ތެރެއިން 46 ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ކޯޓުގައި ކަމަށެވެ.

އެހެންކަމުން، މިހާތަނަށް އެންމެ ގިނަ ކައިވެނި ކުރި ދުވަހަކަށް މާދަމާ ވާނެއެވެ. އޭގެ ކުރިން އެންމެ ގިނަ ކައިވެނި ކޮށްދީފައިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ގައެވެ. އެ ދުވަހު 57 ކައިވެންޏެއް ކޮށްދީފައިވާއިރު، އޭގެ ތެރެއިން 28 ކައިވެނި ކޮށްދީފައިވަނީ ކޯޓުގައެވެ. އަދި ބާކީ ކައިވެނިތައް ކޮށްދީފައިވަނީ ކޯޓުން ބޭރުގައެވެ.

އޭގެ އިތުރުން، މިމަހުގެ ދެވަނަ ދުވަހުވެސް 39 ކައިވެންޏެއް ކޮށްދީފައިވާއިރު، އޭގެ ތެރެއިން 28 ކައިވެންޏެއް ކޮށްދީފައިވަނީ ކޯޓުގައެވެ. އަދި ބާކީ ކައިވެނިތައް ކޯޓުން ބޭރުގައި ކޮށްދީފައިވެއެވެ.

ނަމަވެސް ރަށްރަށުގައި ކުރަނީ ކިތައް ކައިވެނި ކަމެއް ސާފެއްނޫނެވެ.

މާދަމާ ގިނަ ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ވަރީގެ 23 މައްސަލައެއްވެސް ފެމިލީ ކޯޓުން ނިންމުމަށް ވަނީ ހަމަޖެހިފައެވެ.