މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހައިކޯޓުން އަމުރުކޮށްފައިވާ މީހަކު ބަންދުން ދޫކޮށްލުމަށް އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އުމުރު ކުރި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދަށު ކޯޓަށް ފާޑު ވިދާޅުވެއްޖެއެވެ.
ޝަމީމް ވިދާޅުވީ، ހައިކޯޓުގެ ހުކުމެއް ދިރި އޮއްވާ، އެ ހުކުމް ސަސްޕެންޑު ކުރުމަކީ ދަށު ކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއް ނޫން ކަމަށެވެ. މީހަކު ދޫކޮށްލަން ބޭނުމިއްޔާ، ރަނގަޅު ސަބަބެއް ދައްކަވަންވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
2020 ވަނަ އަހަރު އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ސ. ހިތަދޫ، މަންދޫބުގެ، ރުޝާމް މުހައްމަދު ދީދީ ވަނީ ހައްޔަރު ކޮށްފައެވެ. ބަންދުގައި އޭނާ ހުރި އިރު ބަލިވެގެން ޝަކުވާ ކޮށްފައި ވާތީ، އޭނާ ބޭސްފަރުވާ ކުރުމަށް ދަށު ކޯޓުން އަމުރު ކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އެއަށްފަހު ބަންދުގައި ބަހައްޓައިގެން ބޭސްފަރުވާ ކުރުމަށް ފުރުސަތު ދީފައި އޮތް ނަމަވެސް އެއް އަހަަރު ތެރޭގައި އެދެވޭ އަވަސް މިނެއްގައި އޭނާގެ ފަރުވާގެ ކަންކަން ކުރިއަށް ނުދާ ކަމަށް ބުނެ އިއްޔެ ވަނީ އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ކޮށްފައެވެ. އެ އަމުރުގައި ބުނެފައި ވަނީ، ރުޝާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން 90 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަންގައި އަމުރު ކުރާ ކަމަށެވެ.
ބަންދުން ދޫކޮށްލާފައި އޭނާ ބަހައްޓަން ދަށު ކޯޓުން އިއްޔެ ކުރި އަމުރުގައި ވަނީ ބައެއް ކަންކަމަށް ޝަރުތު ކޮށްފައެވެ. އެގޮތުން ބަންދުން ދޫކޮށްފައި އެ ހުންނަ މުއްދަތުގައި އިތުރު ކުށެއް ނުކުރުމާއި، ޝަރީއަތަށް ހާޒިރުވާންޖެހޭ ދުވަސްދުވަހު ވަގުތަށް ހާޒިރުވުމާއި މި މައްސަަލައިގައި ހެކިބަސް ދިން އަދި ދޭން ތިބި މީހުންނާ ބައްދަލު ނުކުރުމާއި އެ މީހުންނަށް ފޯނުން ނުގުޅުމަށާއި މީހަކު މެދުވެރިކޮށް ވެސް އެއިން މީހަކާ މުއާމަލާތް ނުކުރުމަށެވެ. އަދި ރޭގަނޑު 12 އިން ހެނދުނު 6 އަކާ ދެމެދު ގެއިން ބޭރަސް ނުދިއުމާއި ރާއްޖެއިން ބޭރަށް ނުދިއުމަށް އިއްޔެ ކުރި އަމުރުގައި ޝަރުތުކޮށްފައި ވެއެވެ.
ސިޔާސީ ޕާޓީގެ ދަފްތަރުގައި ނެތަސް ވަކިކޮޅަކަށް ގޮސް ހުސްވެފައިވާ ސިޔާސީ އެކްޓުވިސްޓަކަށް ޕީޖީކަން ދިނީމާ އަބަދުވެސް ހުންނާނީ ރަތަށް އަރާފަ. ދުވަހަކުވެސް ރަތްކަން ނުކެނޑޭނެ ހަވާ ނަފްސު އެދޭގޮތަށް ކަންނުވަނީސް.