މާލޭގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަނުން އާއްމުކޮށް ހިދުމަތް ހޯދާ 1118 ދިވެހިން އުޅޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެމައުލޫމާތު ހާމަކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓުން މިއަދު ކުރިއަށް ގެންދާ "މީޑިއާ އިވެންޓް" ގައެވެ.

ޑްރަގް ކެފޭތަކުން އާއްމުކޮށް 1118 ދިވެހިން ހިދުމަތް ހޯދާއިރު ޑްރަގް ކެފޭތަކުން ގަވައިދުން ހިދުމަތް ހޯދާ 14 ކުދިން ހިމެނޭއިރު އުމުރުން 50 އަހަރުން މަތީގެ 56 މީހަކާއި އަދި 65 އަންހެނުން މިހިދުމަތް ހޯދަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް އަމުރު ކޮށްފައިވާ 217 މީހަކާއި މަސްތުވާތަކެތިން ސަލާމަތްވުމުގެ ފަރުވާ އިން ވަކިކޮށްފައިވާ 305 މީހެއް އަދި ދެ ވަނަ ހުކުމެއް އައިސްފައިވާ 141 މީހެއް ވެސް މި ހިދުމަތް ހޯދާ ކަމަށް ފުލުހުން ހިއްސާކުރި މައުލޫމާތުގައި ވެއެވެ.

ހަމައެހެންމެ ދިރިއުޅޭނެ ވަކި ތަނެއް ނެތި، މަގުމަތިވެފައިވާ 63 ދިވެހިންނާއި ހަތަރު ބަންގްލަދޭޝްގެ މީހަކު ޑްރަގް ކެފޭތަކުން ހިދުމަތް ހޯދައެވެ.

ބިދޭސީނަށް ބަލާއިރު ޖުމްލަ 139 ބިދޭސީއަކު ޑްރަގް ކެފޭތަކުން ހިދުމަތް ހޯދައެވެ. އެއީ ބަންގްލަދޭޝްގެ 134 މީހަކާއި އިންޑިއާގެ ތިން މީހުން އަދި ލަންކާގެ ދެ މީހެކެވެ.