އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންގެ ތެރެއިން އެއް ބަޔަކަށް ހާޒިރުވެވޭ އިރު އަނެއްބައި ހިއްސާދާރުން އޮންލައިންކޮށް ބައިވެރިވާ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އުރީދޫ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މާޗް 7 ވަނަ ދުވަހުގެ ރޭ 8:30 ގައި ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލްގައެވެ. އުރީދޫން ބުނީ، މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މާޗު 5 ވަނަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓާ ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.
ކޮވިޑްގެ މިހާރުގެ ހާލަތާއި ހިއްސާދާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދެވެން އޮތީ، އަހަރީ އާންމު ޖަލްސާ ބާއްވާ އިރު، ސަރުކާރުން އިއުލާނުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުން ހުއްދަ ކުރާ އަދަދަކަށް ބަލައި، ޖަލްސާ ބާއްވާ ހޯލުގައި ގައިދުރު މިން ބަހައްޓަން ޖެހޭ މިންގަނޑުތަކަށް ފެތޭ ގޮތަށް، ޖާގަ ހުރި މިންވަރަށެވެ. ހިއްސާދާރުންގެ ތެރެއިން ޖަލްސާ ބާއްވާ ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޖާގަ ހުރި މިންވަރަކުން އެ ފުރުސަތު ދިނުމަށް ފަހު، ބާކީ ތިބި ފަރާތްތަކަށް އޮންލައިންކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައި ދެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އެގޮތުން މާޗް 6 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން، ކްރޮސްރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެވޭނެ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވެވޭނެ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އުރީދޫން ބުނެއެވެ.
ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތައް މާލެއިން ކްރޮސް ރޯޑްސް މޯލްޑިވްސްއަށް ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކަކީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 7:15 އިން 7:30 އާ ދެމެދުގެ ވަގުތުތަކުގައެވެ. އެހެންކަމުން އެ ވަގުތަށް ހަޒިރުވެ ހުރުމަށް އުރީދޫން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން އޮންލައިންކޮށް މި ޖަލްސާގައި ބައިވެރިވާ ފަރާތްތަކަށް ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް ކަމަށް އުރީދޫން ބުނެއެވެ. އަދި މި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 8.15 އާއި 8.30 އާ ދެމެދު، ލިބިފައިވާ ލޮގިން މައުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިންވުމަށް އެދޭ ކަމަށް އުރީދޫން ބުނެއެވެ.
ކްރޮސް ރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެ ހުއްދަ ދެވޭނީ، ވެކްސިންގެ ޑޯޒުތައް ހަމަކޮށްފައިވާ ކަމަށް ބަޔާންކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދޫކޮށްފައިވާ ވެކްސިނޭޝަން ކާޑު ނުވަތަ ކޮވިޑް-19 ޑިޖިޓަލް ސެޓިފިކޭޝަން ހުށަހަޅާ ފަރާތްތަކަށެވެ. ހަމައެއާއެކު އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރަޖިސްޓާ ވެފައިވާ ފަރާތެއްތޯ ވެސް ބަލާނެއެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާ ނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހެޅުމަށް އުރީދޫން ބުނެއެވެ. އަދި، ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހެޅުމަށް އެ ކުންފުނިން ބުނެއެވެ. ރަޖިސްޓާ ކުރުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ރަޖިސްޓާ ކުރެވޭނެއެވެ. ފޯމުތައް ފުރުމަށްފަހު މާޗް 5 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގެ ކުރިން އީލެމެއިލް ކުރެވޭނެއެވެ. ނުވަތަ އުރީދޫ މޯލްޑިވްސް އޮފީސް، 6 ވަނަ ފަންގިފިލާ، ހ. ސަލްލީޓް، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ، އަށް ފޯމު ހުށަހެޅޭނެއެވެ.
މިއަހަރު އުރީދޫ އަހަރީ އާންމު ޖަލްސާގައި ދެގޮތަށް ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވާ އިރު، ކޮވިޑްގެ ބަލިމަޑުކަމާއެކު މިދިޔަ ދެ އަހަރު އުރީދޫ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ އޮންލައިން ކޮންނެވެ.