މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވްވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތަށް އަވަސް ޝިފާއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

މިރޭ ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހް ވިދާޅުވީ ރާނީ ޕޮޒިޓިވްވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި އެމަނިކުފާނާއި އަދި ދިވެހި އެންމެހާ ރައްޔިތުން އެދެނީ ރާނީ އަށް އަވަސް ޝިފާއަކަށް ކަމަށެވެ.

އިނގިރޭސި ޝާހީ ގަޑުވަރުން ބުނެފައިވަނީ ރާނީގެ ކިބައިން ފެންނަމުން ދަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށާއި އަދި އާދައިގެ ޒިންމާތައް ކުރިޔަށް އޮތް ހަފްތާތަކުގައި އަދާކުރައްވަމުން ގެންދެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 73 އަހަރުގެ ވަލީ އަހުދު ޕްރިންސް ޗާލްސްއާއި ރާނީއާ ވަނީ މި މަހުގެ 8 ވަނަ ދުވަހު ބައްދަލު ކުރައްވާފައެވެ. އަދި ޗާލްސްގެ އަނބިކަނބަލުން، ޑަޗެސް އޮފް ކޯންވެލް ވަނީ ޗާލްސް ޕޮޒިޓިވްވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ ޗާލްސްގެ އަނބިކަނބަލުން ޑަޗެސް ކޮވިޑަށް ޕޮޒިޓިވް ވީ ފުރަތަމަ ފަހަރެވެ. އަދި ޗާލްސް ކޮވިޑަށް ޕޮޒިޓިވް ވީ ދެވަނަ ފަހަރެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރާނީ ދިރިއުޅުއްވަމުން ގެންދަވާ ވިންޑްސާ ކާސަލްގެ ގިނަ މުވައްޒަފުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މި މަހުގެ 6 ވަނަ ދުވަހު ރާނީ ވަނީ އެކަމަނާ ރަނިކަމަށް 70 އަހަރު ފުރުމުގެ އަލިމަސް ޔޫބީލް ފާހަގަ ކުރައްވާފައެވެ.

އުމުރުފުޅުން 95 އަހަރުގެ ރާނީ ކޮވިޑްގެ ފުރަތަމަ ވެކްސިން ޖަހާފައި ވަނީ ޖުނުއަރީ 2021 ގައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.