ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުވާލުމުގައި ޖާމިނުވި، ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީގެ މައްޗަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިދޭން މީގެ ކުރިންވެސް އެދިފައިވާނެ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އަލީ ވަހީދު 72 ގަޑިއިރުތެރޭ ހާޒިރުނުވެއްޖެ ނަމަ، އަސްހަދަށް ފިޔަވަޅު އަޅަން ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ނިންމާފައި އޮތުމަށްފަހު، 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު އޭނާގެ ޣައިރު ހާޒިރުގައެވެ. ނަމަވެސް ހުކުމް ކުރިއިރު އޭނާ ހުރީ އިނގިރޭސިވިލާތުގައެވެ.

ކްރިމިނަލް ކޯޓުން ހުކުމްކުރިތާ 17 ދުވަސް ފަހުން، އަސްހަދު ވަނީ ރޭ 8:30 ގައި މާލެއަށް އައިސް ކަރެކްޝަންސް އާ އަމިއްލައަށް ހަވާލުވެފައެވެ. އެހެންވެ، މިހާރު އޭނާ ހުރީ ބަންދުގެ މުއްދަތު ތަންފީޒު ކުރުމަށްޓަކައި ކަރެކްޝަންސްގައެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު މީޑިއާތަކަށް ވިދާޅުވީ، އަސްހަދު ޖާމިނު އެއްބަސްވުމާ ހިލާފުވި މައްސަލައާ ގުޅިގެން އޭނާއަށް ފިޔަވަޅު އަޅައިދިނުމަށް ދެ ފަހަރެއްގެ މަތިން ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

އަސްހަދު މިހާރު ބަންދުގައި އެ ހުރީ ކޯޓުގެ ހުރުމަތް ކެނޑުމުންކަން ފާހަގަ ކުރައްވައި ޝަފީއު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން، ޖާމިނު އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖަލަށް ލުމާއި، ގޭ ބަންދު ކުރުމާއި، 15،000ރ އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރުން ކަމަށްވާއިރު، އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް އެދިފައިވާނެ ކަމަށާއި، އެކަމުގައި މިހާތަނަށް ގޮތެއް ނިންމާފައި ނުވާތީވެ، އަނެއްކާވެސް އެކަން ހުށަހަޅާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވާ އަލީ ވަހީދު ޝަރީއަތަށް ހާޒިރުނުވެގެން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުން އަމުރު ނެރެފައިވާއިރު، އެ ދެ އަމުރު މިހާތަނަކަށް ތަންފީޒެއް ނުވެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް ކޮށްފައިވާއިރު، އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ، 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.