އާ އެއްޗެއް އީޖާދު ކުރަނީ އެކަމަކަށް ޖެހޭ ބޭނުމެއްގެ ސަބަބުންނޭ ބުނެއެވެ. އިންޑިއާގެ އުތުރުގެ ބިހާރަށް ނިސްބަތްވާ ގުއްޑޫ ޝަރުމާއަށްވެސް ދިމާވީ މިފަދަ ހާދިސާއެކެވެ. މިއަދު އޭނާއަކީ މަޝްހޫރު ފަންނުވެރިއަކަށް ވެއްޖެއެވެ.

އިންޑިއާއަކީ ކައިވެނީގެ ހަފުލާތައް ވީހާވެސް ވަރުގަދައަކަށް ބޭއްވުމަށް ދެވި ހިފާފައިވާ ގައުމަކަށް ވާއިރު، ކައިވެނި ކުރާ ފިރިހެން ކުއްޖާ، އެ ހަފުލާއަށް ހާޒިރުވާ ގޮތަކީވެސް އާދަޔާ ހިލާފު ގޮތަކަށް ވުމަކީ ކޮންމެހެން ކުރަންޖެހިފައި އޮންނަ ކަމެއް ފަދައެވެ. އަދި ހަފުލާ ނިންމާ، އަނބިމީހާ ގޮވައިގެން ގެއަށް ގެންނަ ގޮތަކީވެސް އާދައިގެ ގޮތަކަށް ވެގެން ނުވެއެވެ.

އެގޮތުން، ހެލިކޮޕްޓަރު ބޭނުންވާ ޒުވާނުންގެ އަދަދު އިތުރު ވަމުން އައި ނަމަވެސް، މާލީ ގޮތުން އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރުގެ ކަމަކަށް ނުވުމުން، އެކަމަށް ހައްލު ހޯދަން ތެދުވީ ގުއްޑޫ ޝަރުމާއެވެ.

ކައިވެނި ހަފުލާއަށް ހެލިކޮޕްޓަރެއްގައި ދާން ބޭނުންވާ ޒުވާނުންނަށް ގުއްޑޫ ޝަރުމާ ފަރުމާ ކޮށްދިނީ އާދަޔާ ހިލާފު ހެލިކޮޕްޓަރެކެވެ. އޭނާ ހެލިކޮޕްޓަރަކަށް ބަދަލު ކޮށްލީ، ޓާޓާ ނެނޯ މޮޑެލްގެ ކާރެކެވެ.

މި ކާރު، ހެލިކޮޕްޓަރަކަށް ބަދަލު ކުރުމަށް، ގުއްޑޫ ޝަރުމާ ހަރަދު ކުރީ ގާތްގަނޑަކަށް 2600 އެއްހާ ޑޮލަރެވެ.

ގުއްޑޫ ޝަރުމާގެ ކާރު-ހެލިކޮޕްޓަރަށް އޮތް ޑިމާންޑް ކުޑައެއް ނޫނެވެ. މިހާރުވެސް 19 މީހަކު ބުކިންގް ހަދާފައި ވާ ކަމަށް ގުއްޑޫ ޝަރުމާ ބުނެއެވެ. ގުއްޑޫ ޝަރުމާ، ހެލިކޮޕްޓަރު ކާރު ކުއްޔަށް ދެނީ އެންމެ 200 ޑޮލަރަށެވެ.

ގުއްޑޫ ޝަރުމާއަކީ އިންޑިއާގައި މިފަދަ ކަމެއް ކުރި ފުރަތަމަ މީހާއެއް ނޫނެވެ. ބިހާރު ސްޓޭޓްގެ އެހެން މީހަކުވެސް ވަނީ މިފަދަ ކަމެއް ކޮށްފައެވެ. އަމިއްލަ ހެލިކޮޕްޓަރެއް ފަރުމާ ކުރުމުގެ ހުވަފެންތައް ދެކެމުން އައި މިތިލޭޝް ޕްރަސާދު ނަމަކަށް ކިއާ މީހަކުވެސް ވަނީ ޓާޓާ ނެނޯ ކާރެއް، ހެލިކޮޕްޓަރަކަށް ހަދާފައެވެ.