ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެ ހުންނަ ހުރިހާ ރަށަކުން މަސްވެރިންނަށް އައިސް ވިއްކަން އެ ކުންފުނިން ތައްޔާރުވަމުން ދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

ރައީސް މިހެން ވިދާޅުވީ، ނައިފަރުގައި ހެދި 100 ހައުސިން ޔުނިޓް އެރަށު ކައުންސިލާ ހަވާލުކުރުމަށް އިއްޔެ ނައިފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަކީ، މިސަރުކާރުގެ ވައުދެއް ކަމަށާއި ބޯހިޔާވަހިކަމެކޭ އެއްގޮތަށް އިއްޔެ ބޭއްވި ބައްދަލުވުންތަކުގެ ތެރޭގައި، މަސްވެރިންނަށް ދިމާވެފައި ހުރި ދަތިތަކުގެ ވާހަކަ ހިއްސާކޮށްފައިވާ ކަމަށެވެ.

މިގޮތުން އައިސް ލިބުމުގެ ދަތި ވާހަކަ އަދި މަހަށް ރަނގަޅު އަގު ބޭނުންވާ ވާހަކަ އެމަނިކުފާނަށް ހިއްސާ ކުރައްވާފައި ވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބާނާ މަސް، އެކީގައި ކިރޭނެގޮތެއް ވުމަކީ، މަސްވެރިންގެ އެދުމެއް ކަމަށް ވެސް އެނގިވަޑައިގެން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެން މިގެންދަނީ، މަސްވެރި ސިނާއަތަށް ބޮޑު އިންވެސްޓެއް ކުރަމުން. މިފްކޯ އެކްސްޕޭންޑްކޮށް، މިތާ ކައިރީގައި މިއޮތް ފެލިވަރަށް މަސްގަނެ، ސްޓޯރކޮށް އަދި ދަޅުގައި ބަންދުކުރެވޭނެ ވަސީލަތްތައް ބޮޑަށް އިތުރުކުރަމުން. އޭގެ ސަބަބުން އަޅުގަނޑު ގަބޫލުކުރަނީ، ނައިފަރުގެ މަސްވެރިންނަށް މި ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ އައިސް ލިބުމުގެ ދަތިކަން ހިއްސާ ކުރިއިރު ފެލިވަރުގައި، އިތުރަށް އައިސް ލިބޭނެގޮތް ހަދަމުން ގެންދާ ކަމަށެވެ. މީގެ އިތުރުން ފެނަކައިން، ފެނަކައިގެ އިންޖީނުގެތައް ހިންގާ ހުރިހާ ރަށެއްގައި، އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް، އެ މަޝްރޫއު ރާވައި ކުރިއަށް ގެންދިޔުމުގެ އަމަލީ މަސައްކަތް ފަށްޓަން ތައްޔާރުވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ ނައިފަރުގައި، އައިސް ވިއްކޭނެ ގޮތެއް ހޯދަން ބޭނުންވާނަމަ ނައިފަރު ކައުންސިލްގެ ފަރާތުން ފެނަކައާ އެކީ މަޝްވަރާ ކޮށް، ކުރިއަށް ގެންދިޔުމުން މަސްވެރިން އެ ބޭނުންވާ ހައްލު ލިބިގެންދާނެ ކަމަށެވެ.