ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިން އެދިވަޑައިގެންނެވި ގޮތަށް އެތަނުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ކުރިމަތިވާ ދަތިތައް ހައްލުކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާލުވެއްޖެއެވެ.

ރައިސް މިހެން ވިދާޅުވީ، މިހާރު އެމްނިކުފާނު ޅ. އަތޮލާށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ޅ .އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެ މަރުކަޒުގެ އިސްވެރިން ވަނީ މަރުކަޒުގެ ބައެއް އިމާރާތްތަކުގައި ހުރި މައްސަލަތަކާއި، މަރުކަޒުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ ފެންވަރު މަތިކޮށް ޒަމާނީ ފެންވަރަށް ގެނައުމާއި، އަދި ތައުލީމީ މަރުކަޒު އެންމެ އެދެވޭ ގޮތަށް ހިންގުމަށް އިތުރު 3 ބުރީގެ އިމާރާތެއް ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ތައުލީމީ މަރުކަޒަށް އިތުރަށް އިންސާނީ ވަސީލަތް ބޭނުންވާ ކަން އެ މުއައްސަސާގެ އިސްވެރިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުލީމީ މަރުކަޒުގެ އިސްވެރިން އެދިވަޑައިގެންނެވި ކަންކަމުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހް، ވަނީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި ހިންނަވަރު ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވާލެއްވުމުގެ އިތުރުން ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސް ސޯލިހް ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރަށް އެމަނިކުފާނު މިހާރު ވަޑައިގެންފައިވާ އިރު، މިރަށްރަށުގެ އިތުރުން ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.