އެމްޑީޕީގެ ޗެއާޕާންސަން ކަމަށް ކުރިމަތި ލައްވާފައިވާ 2 ބޭފުޅުންނަށް ތާއީދު އޮތް މިންވަރެއް އަންދާޒާ ކޮށްލުމަށް "ދަ ޕްރެސް" އިން ހިންގި ޕޯލްއިން މިނިސްޓަރު ފައްޔާޒު އިސްމާއީލް ކުރި ހޯއްދަވައިފިއެވެ. ފައްޔާޒަށް 52 ޕަސެންޓް ލިބިވަޑައިގެންނެވި އިރު، ދެން ވާދަ ކުރައްވާ ކެންޑިޑޭޓް އެމްޕީ އިމްތިޔާޒު ފަހުމީއަށް ލިބިވަޑައިގަތީ 45 ޕަސެންޓެވެ.
އެމްޑީޕީގެ ޗެއާޕާންސަން ހޮވާ އިންތިހާބު އޭޕްރީލް އަށް ތާވަލު ކޮށްފައި ވާއިރު، "ދަ ޕްރެސް" އިން ކުރިއަށް ގެންދިޔަ ޕޯލް އަކީ، ފޭސްބްކް އާއި ޓްވިޓާ ބޭނުންކޮށްގެން 4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޓްރަޔަލް ޕޯލް އެކެވެ. މި ޕޯލް އަކީ، ޗެއާޕާސަން ކަމަށް ހޮވޭނެ ބޭފުޅެއް ކަނޑައެޅޭނެ ޕޯލްއެއް ނޫން ކަމުގައި ވިޔަސް، ކިޔުންތެރިންގެ މެދުގައި އޮތް ވިސްނުމުގެ އަންދާޒާއެއް ކަނޑައެޅޭނެ ޕޯލްއެކެވެ.
"ދަ ޕްރެސް" ޕޯލްގައި ޖުމްލަ 1012 ފަރާތަކުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރެއިން 603 މީހަކު ޓްވިޓާގައި ބައިވެރި ވި އިރު، ފޭސްބްކްގައި 409 މީހަކު ވަނީ ބައިވެރިވެފައެވެ.
ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) އަކީ ސިޔާސީ ގޮތުން އެމްޑީޕީއަށް މުހިންމު ދެބޭފުޅުންނަށް ވާއޮރު، އެ ދެބޭފުޅުން ނިސްބަތްވަނީ އެ ޕާޓީ ތެރޭގައި މިހާރު އޮތް ސިޔާސީ ދެބައިވުމާ އެއްގޮތަށް 2 ފެކްޝަނަށެވެ. ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެކެވެ. އިންތި އަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ.
"ދް ޕްރެސް"ގެ އޮންލައިން ޕޯލްގެ ނަތީޖާ ފައްޔާޒު ކޮޅަށް ބުރަވި ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ގިނަ އާންމު މެންބަރުން ބުނެފައި ވަނީ ޗެއާޕާސަނަށް ހޮވެނީ އިންތި ކަމަށެވެ. ހޮވޭނީ ފައްޔާޒު ކަމަށް ބުނާ މީހުން މަދު އިރު އެމްޑީޕީގެ މެންބަރުން ދެ ބަޔަކަށް ބެހިފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓަކާ މެދު އޮތް ހިޔާޅުތަފާތުވުންތަކާ ހެދިއެވެ. އެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްކޮޅުން ވާދަ ކުރައްވާނެ ކަމަށް ބެލެވޭއިރު، ދެން ވާދަކުރައްވާނީ މިހާރު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި އަދި މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު ނަޝީދު ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ދައުރު ހަމަވެފަައި ވާ އިރު، އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެމްޑީޕީގެ ރައީސްކަމުގައި މިހާރު ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ފުރުއްވާފައި ވެއެވެ.
ޕާޓީއައް ވަފާތެރިކަން ބޮޑީ އިންތި ފައްޔާޒް އައުޓް