ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާއި ގޯތިތައް ކުއްޔަށް އެއްކޮށް ކުއްޔަށް ދޫނުކެރެވޭ ގޮތަށް ހަދައިފިއެވެ.

ފްލެޓްތަކާއި ގޯތި ފަދަ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުގައިވާ ގޮތުން، އެފަދަ ތަންތަން ކުއްޔަށް ދެވޭނީ އެ މަޝްރޫއު ހިންގި އިދާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެންނެވެ.

އެ އުސޫލުގައި ވާ ގޮތުން، ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކާއި ގޯތި ފަދަ ތަންތަން އެއްކޮށް ނުދެވޭނެއެވެ. އެގޮތުން، މިފަދަ ތަންތަން ދޫކުރެވޭނީވެސް އެންމެ ގިނަ ދުވަސްވެގެން ފަސް އަހަރަށެވެ.

އެހެން ނަމަވެސް އެ ތަންތަން ދޫކުރެވުނު މީހާގެ ނަން މަތީގައި އެ ތަނެއް އޮތް ނަމަ، ކުއްޔަށް ދޫކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. އެކަމަކު އެ އުސޫލަށް އަމަކުކުރަން ފެށުމުން، ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން އެއްކޮށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ހުއްދަތައް ބާތިލްވާނެ ކަމަށްވެސް އެ އުސޫލުގައިވެއެވެ.

ފްލެޓްތައް ކުއްޔަށް ދޫކުރާ އުސޫލެއް ސަރުކާރުން އިއުލާނުކޮށްފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރަން ބައެއް މީހުން އިއުލާނުކޮށްފައި ވަނިކޮށް، ހައުސިން މިނިސްޓްރީން އެ މީހުންގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައެވެ.