ނ. މިލަދޫގައި މަސައްކަތްކުރާ ފުލުސް އޮފިސަރުގެ މަސައްކަތަށް ތައުރީފް ހައްގު ކަމަށާއި، އޭނާގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލަ ބަލައި، އެ މައްސަލާގައި ތުހުމަތުވާ މީހުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށް، ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިލަދޫ ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބުމުން، އެ ސަރަހައްދަށް ގޮސް މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވުމުން، އެ މީހާ ވަނީ އެ ފުލުހަށް އިންޒާރުދީފައެވެ. އެއަށްފަހު، އެ ރޭ ދަންވަރުގެ ވަގުތެއްގައި ދެ މީހަކު ބައިވެރިވެގެން އެ ފުލުސް އޮފިސަރުގެ ސައިކަލުގައި ވަނީ ރޯކޮށްލާފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވުމުން، އެ މީހާ އިންޒާރުދީފައި ވަނީ މިލަދޫ ފުލުހުންގެ ޑެސްކް އިންޗާޖް، ސާޖަންޓް މުހައްމަދު އަރީޝަށެވެ.

މިލަދޫ އަކީ އަމާން ރަށަކަށް ހެދުމަށްޓަކައި އަރީޝް ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ، އަރީޝްގެ ސައިކަލުގައި ރޯކޮށްލި މީހުންގެ މައްސަލަ ބަލައި އެ މީހުން ހައްޔަރު ކުރުމަށްޓަކައި ފުލުހުން މަސައްކަތް ފަށާފައިވާ ކަމަށާއި، މަސްތުވާތަކެތީގެ ވަބާ ރާއްޖޭން ނައްތާލުމަށްޓަކައި ގައުމީ ފެންވަރުގައި މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

އަދި މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އެއްވެސް ވަރަކަށް ފަސްނުޖެހޭނެ ކަމުގައިވެސް ހަމީދު ވިދާޅުވިއެވެ.

އަރީޝްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.