ނ. މިލަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުން ބުނީ މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން އެ ފުލުސް މީހާއަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި އެ ފުލުސް މީހާގެ ސައިކަލުގައި ރޭ ދަންވަރުގެ ވަގުތެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ސޯސަލް މީޑީއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ފުޓޭޖުން ފެންނަ ގޮތުގައި އެކަން ކޮށްފައިވަނީ ދެމީހަކު ބައިވެރިވެގެން، ގެއެއްގެ ގޯތިތެރޭގައި ސައިކަލް ހުއްޓައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެހެންނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.