ޑިފެންސްގެ އިންޓެލިޖެންސް ސާވިސްގެ ކޮމާންޑަރަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ ހަމަޖައްސައިފިއެވެ.

ސިފައިންގެ އިންޓެލިޖެންސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ކުރިން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއް ލަތީފެވެ. އަދި އެމްއެންޑީއެފް އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް ޒުހުރީ އައްޔަން ކުރީގެ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

ކުރިން މި މަގާމުގައި ހުންނެވި އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމަގާމު އަދާކުރައްވާފައެވެ.

ކާނަލްގެ މަގާމުން ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަމަޖެއްސި ޒުހުރީ ވަނީ މީގެ ކުރިން ފަޔާ އެންޑް ރިސްކިއުގެ ކޮމާންޑަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އޭނާ އެންމެ ފަހުން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޕްރެޒިޓެންޝަލް ގާޑުގެ ކޮމާންޑިން އޮފިސަރުކަށެވެ.

އެމްއެންޑީއެފް ސަދަން އޭރިޔާގެ ކޮމާންޑަރުކަމާއި އަދި ބައެއް އެހެން ކޮމާންޑްތަކުގެ ކޮމާންޑަރުކަން ވެސް ޒުހުރީ މީގެ ކުރިން ވަނީ ކުރައްވާފައެވެ.