ފަތުރުވެރިކަމުގެ ދާއިރާގެ ކޮންސަލްޓަންޓް ޖޯޖް ކޯބިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ.

އިޓަލީވިލާތުގެ ޑައިވިންގް ޓުއާ އޮޕަރޭޓަރެއްގެ ގޮތުން ރާއްޖެއަށް ތައާރަފްވި ކޯބިން އަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ރާއްޖެއަށް ވަޑައިގަތީ ފެބްރުއަރީ 16، 1972 ގައެވެ.

މިއަދު މެންދުރު ކުރީގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ކޯބިން އަށް މަރުހަބާ ދަންނަވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ ރަން ޔޫބީލް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި "ހޯމް ސްޓޭ" ޓޫރިޒަމް މިހާރު ތައާރަފުކޮށްފައިވާ ކަން ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކޯބިން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާފައިވާ މިންވަރާމެދު ހިތްހަމަޖެހުން ފާޅުކުރައްވާ، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގްބަލް ފެނިވަޑައިގަންނަވަނީ އުޖާލާކޮށް ކަމުގައި ހާމަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ މެދު ފަންތީގެ ފަތުރުވެރިކަމަށް އިތުރު ސަމާލުކަން ދިނުމުގެ މުހިއްމު ކަމާމެދު އޭނާ ވާހަކަ ދެއްކެވިއެވެ.

ދެބޭފުލޫން ދެމެދުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތެެރޭގައި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމާ މެދު މަޝަވަރާ ކުރެވުނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ އެއާޕޯޓުތައް ތަރައްގީ ކުރެވިގެން ދިއުމަކީ ކުރިއެރުމެއް ކަމުގައި ކޯބިން ފާހަގަކުރައްވާފައި ވެއެވެ. އަދި އެމެރިކާ ބައްރު ފަދަ ދުރު ސަރަހައްދުތަކުގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަށް ދަތުރުކުރުމަށް ފަސޭހަ ގޮތްތައް ހޯދުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވެއެވެ.