މާދަމާ ބާއްވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ނަންތައް އެ ޕާޓީން އިއުލާނު ކޮށްފިއެވެ.

ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ގެ އިންތިހާބު އެމްޑީޕީން އެންމެ ފަހުން ބާއްވާފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. އެ ފަހަރު ޕީޖީގެ ލީޑަރަކަށް ހޮވިވަޑައިގަތީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. ޕީޖީގެ ނައިބުންގެ ގޮތުގައި ތިއްބެވީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށްވާއިރު، ސެކްރެޓަރީ ޖެނެރަލް ކަމަށް ހޮވިވަޑައިގަތީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އެވެ.

މިފަހަރު އެމްޑީޕީގެ ޕީޖީގެ މަގާމް ދިފާއުކުރައްވަން އާޒިމް ނުކުންނަވާއިރު، އޭނާ އާ އެންމެ ގާތުން ވާދަ ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ހަމަ އެއާއެކު، ޕީޖީގެ ނައިބުގެ މަގާމް ދިފާއު ކުރެއްވުމަށް އަނދުން ހުސައިނާއި އިލްޔާސް ނުކުންނަވާއިރު، އެ މަގާމަށް ވާދަކުރައްވަނީ ޕީޖީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ބިގޭއެވެ.

ބިގޭ ފުރުއްވި މަގާމަށް ކުރިމަތިލައްވާފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ ނައިބު ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒެވެ.

އަދި ޕީޖީގެ ޗީފް ވިޕް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ އާއި، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ ކުރިމަތިލައްވާފައެވެ.

އެމްޑީޕީގެ ޕީޖީގެ އިންތިހާބު އޮންނާނީ މާދަމާ މެންދުރު 1:30 އިން ހަވީރު 5:30 އަށެވެ.

ޕީޖީގެ ޒިންމާއަކީ މަޖިލީހުގައި އެމްޑީޕީގެ ހިޔާލު ފާޅުކުރުމާއި ވޯޓު ދިނުމުގައި ޕާޓީގެ ސިޔާސަތަށް ތަބާވުމަށް ބާރު އެޅުވުމާއި، މަޖިލީހުގައި ޕާޓީގެ ސިޔާސަތު ދިފާއުކުރުމެވެ.