އިގްތިސޯދީ މަސައްކަތް ކުރުމަށް ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.

ވިލިމާލެ ސިނާއީ ސަރަހައްދުން ބިން ދޫކުރަން ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުގެ 40 ވަނަ ޖަލްސާގައެވެ. ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިލިމާލެއިން ބިން ދޫކުރަން ހުށަހަޅާފައިވާއިރު ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ވަނީ އެ ހުށަހަޅުން ފާސްކޮށްފައެވެ.

އެހުށަހެޅުމުގައި ވާގޮތުގައި ބިން ދޫކުރުމަށް ހުޅުވާލާފައި ވަނީ މާލޭ ރަށްވެހިންނަށް ވެސް ފުރުސަތު ލިބޭ ގޮތަށެވެ. ނަމަވެސް މަދުވެގެން ދެ ބައިކުޅަ އެއްބައި ވިލިމާލޭ ރައްޔިތުންނަށް ވެސް ހާއްސަ ކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ވިލިމާލޭ ސިނާއީ ސަރަހައްދުގައި މިވަގުތު ހުސްކޮށް އޮތް 13 ސްލޮޓު ދިނުމަށް ފުރުސަތު ހުޅުވައިލާން ފެންނަ ކަމަށް ވެސް އެހުށަހެޅުމުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ ވިލިމާލޭ ސިނާއީ މަސައްކަތް ކުރާ މީހުން ކުއްޔަށް ހިފާފައިވާ ސްލޮޓުން ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި މީހުންގެ އެގްރިމެންޓް ބާތިލްކުރަން ވެސް ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލުން ވަނީ އެ ބިމުން ފައިސާ ނުލިބި ހުރި މީހުންގެ އަތުން ފައިސާ ހޯދުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްކޮށް އެ ފައިސާ ހޯދުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެފައެވެ.