ފެނަކައިގެ ހިޔާވަހިކަމުގެ ދަށުގައިވާ ކޮންމެ ގޭބިސީއަކަށް ހެޔޮ އަގުގައި ފައިސާ ދެއްކޭނެ ޕްލޭންތަކަކާ އެކު ފެނަކަ ހޯމް ސޯލާ ހަރުކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

ފެނަކައިން ބުނީ، އިޔާދަކުރަނިވި ހަކަތަ، ފެނަކައިގެ ހިޔާވަހިކަމުގެ ދަށުގައިވާ ކޮންމެ ގޭބިސީއަކަށް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ މުވައްޒަފުން ތައްޔާރަށް ތިބި ކަމަށާއި އެ ހިދުމަތް ފޯރުކޮށް ދިނުމާއި، މައުލޫމާތު އޮޅުން ފިލުވައިދީ އިރުޝާދު ދިނުމުގައި ފެނަކަ ޓީމުން އެންމެ ފުންމިނަށް އެހީތެރިވާނެ ކަމަށެވެ. އަދި ހޯމް ސޯލާ ޕެނަލްތައް ނަގާ ފަރާތްތަކަށް ހާއްސަކޮށް ލުއި ޕޭމަންޓް ޕްލޭނެއް ހަދާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެނަކަ ހޯމް ސޯލާ ޕްރޮގްރާމަކީ ފާގަތި އަދި އުޖާލާ ދިރިއުއުޅުމަކަށް ކުރެވޭ ކުޑަ ހޭދައެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެއީ ޒަމާންތަކެއް ވަންދެން އެކި ސަބަބުތަކާ ހުރެ ހުއްޓުމެއް ނެތި ބޮޑުވަމުން އައި ކަރަންޓު ބިލުތަކަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް ފެނަކައިން ބުނެއެވެ. އެގޮތުން ހޯމް ސޯލާއަށް ބަދަލުކުރުމުން، މަހުން މަހަށް އަންނަ ކަރަންޓު ބިލް 97 ޕަސެންޓް ކުޑަވެގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކަ ހޯމް ސޯލާއަށް ފައިސާ ދައްކަން ހިޔާރު ކުރެވިދާނެ ޕްލޭންތައް

ފެނަކަ ހޯމް ސޯލާގެ އަގުތައް:

  • 2 ކިލޯވޮޓް ޕީކް ހަކަތަ ނަގާ ނަމަ ޖުމްލަ އަގަކީ - 35000 ރުފިޔާ
  • 3 ކިލޯވޮޓް ޕީކް ހަކަތަ ނަގާ ނަމަ ޖުމްލަ އަގަކީ - 55000 ރުފިޔާ
  • 5 ކިލޯވޮޓް ޕީކް ހަކަތަ ނަގާ ނަމަ ޖުމްލަ އަގަކީ - 80000 ރުފިޔާ

ޕްލޭންގައި މި އަގުތައް 2 އަހަރާއި 3 އަހަރާއި 5 އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ވަނީ ނިންމާފައެވެ.

މި ހިދުމަތް ފޯރުކޮށްދޭނީ ނެޓް މީޓަރިން އުސޫލުގެ ދަށުންނެވެ. ހުރިހާ ކަސްޓަމަރުން ވެސް އެޕްލިކޭޝަން ފޯމް ފުރުމާއި، ހޯމް ސޯލާ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރަން ޖެހޭނެއެވެ. ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމްސް (ޕީވީ) އަކީ 'ވަން-ސައިޒް-ފިޓްސް-އޯލް' ސޮލިއުޝަންއެއް ނޫން ކަމުން، އެޕްލިކޭޝަން ޕްރޮސެސްކޮށް ނިމުމާ އެކު، ޓެކްނިކަލް ޓީމް ކަސްޓަމަރުންގެ ގެއަށް ގޮސް، ހަކަތަ ބޭނުން ކުރެވޭ މިންވަރާއި ފުރާޅުގެ ޖާގަ، އަދި މިނޫންވެސް އެތައް ކަމެއްގެ މައްޗަށް ބިނާކޮށް، އެތަނަކަށް އެންމެ އެކަށޭނަ ހޯމް ސޯލާ ސިސްޓަމެއް ޑިޒައިން ކުރުމަށް ބޭނުންވާ ހުރިހާ ސާވޭތަކާއި އެސެސްމަންޓްތައް ތައްޔާރު ކުރާނެއެވެ.

އެއަށްފަހު އިންސްޓޯލް ކުރާނެ ކެޕޭސިޓީ ކަނޑައެޅުމުން އެ ފުރާޅަކަށް ބޭނުންވާ ސޯލާ ޕެނަލްތައް އެ ރަށަކަށް ފޮނުވައި، ކަސްޓަމަރުންގެ އަތުން އިތުރު އަގެއް ނުނަގާ ފެނަކަ ޓެކްނިކަލް ޓީމުން ސޯލާ ޕަވާ ޕްލާންޓް ހަރުކޮށް ދޭނެއެވެ. ހޯމް ސޯލާ ޕެނަލް ސިސްޓަމް އަހަރަކު އެއްފަހަރު ސާވިސް ކުރަން ނުޖެހުނު ނަމަވެސް ފުރާޅުގައި ސޯލާ ހަރުކުރުމާއެކު ފެނަކައިގެ ޓެކްނިކަލް ޓީމް ތިބޭނީ ދިމާވެދާނެ މައްސަލައެއް ހައްލު ކުރުމަށް އަބަދުވެސް ތައްޔާރުގައި ކަމަށް އެކުންފުނިން ބުނެއެވެ.

ފެނަކަ ހޯމް ސޯލާ ޕްރޮގުރާމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން ފެނަކައިން ހިންގާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ މަގްސަދަކީ އާންމު ފަރުދުން ކަރަންޓަަށް ހޭދަކުރާ މިންވަރު ކުޑަކުރުމާ އެކު ސަރުކާރުން ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުމެވެ. އަދި މިއީ ސަރުކާރުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލުކުކުމަށް އެހީވާނެ ޕްރޮގްރާމެކެވެ.