ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މިހާރު ކުރިއަށް ދާ ގޮތަށް ބަލާނަމަ ބެކްލޮގް ސާފުވާން 16 އަހަރު ނަގާނެތީ، އެއް އަހަރުތެރޭ އެ ބެކްލޮގް ސާފު ކުރުމަށް އެ ކޯޓުގައި ތިއްބަވާ ގާޒީން ބައްލަވަން ޝެޑިއުލް ކުރާ އަޑުއެހުންތައް އިތުރު ކުރުމުގެ ޕްލޭނެއް ހަދާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވީ، ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރާ ގޮތާ އެއްގޮތަށް ކުރިއަށް ނުދާތީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން މައުލޫމާތު ސާފުކުރުމަށް ޖޭއެސްސީ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)ގެ ބޭފުޅުން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުންނެވެ.
ކޯޓުތަކުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، މިހާރު ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ދާ ސްޕީޑަސް ބަލާނަމަ، ބެކްލޮގްގައި އޮތް 1182 މައްސަލަ ބަލައި ނިންމަމް 16 އަހަރު ނަގާނެ ކަމަށާއި، އެގޮތަށް ތިބެވެން ނެތް ކަމަށެވެ. ޖިނާއީ މައްސަލައެއް ހުށަހެޅޭ ދުވަހުން ފެށިގެން ހުކުމް ކުރުމާ ހަމައަށް އެވްރެޖްކޮށް 10 ވަރަކަށް އަޑުއެހުން ބޭނުންވާ އިރު، މިހާރު ބެކްލޮގްގައި އޮތް 1182 މައްސަލައަށް 11820 އަޑުއެހުން ބޭނުންވާނެ ކަމަށް ހިސާން ވިދާޅުވިއެވެ. އެހެން ކަމުން އެއް އަހަރު ދުވަހުގެ ތެރޭގައި އެ ބެކްލޮގް ކްލިއާ ކުރަން ޕްލޭނެއް ހަދާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބެކްލޮގްވެފައި ހުރި މައްސަލަތައް ނިންމަން ހެދި ޕްލޭންގައި ހުށަހަޅި ކަންކަން:
- ރަސްމީ ގަޑީގައި ކުރާ މަސައްކަތުގެ އިތުރުން، އެއް އަހަރު ވަންދެން ކޮންމެ ދުވަހުގެ މެންދުރު 2 އިން ހަވީރު 5 އަށް ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުން
- ރަސްމީ ގަޑީގައި ކޮންމެ ގާޒީއަކަށް ދުވާލަކު ފަސް އަޑުއެހުން ޝެޑިއުލްކުރުން، އޭރުން 10 ފަނޑިޔާރުން ތިބިއިރު، ޝެޑިއުލް ކުރާ ގޮތަށް ގެންދެވިއްޖެ ނަމަ ދުވާލަކު 50 އަޑުއެހުން ބޭއްވޭނެ
- ކޭސް މެނޭޖްމަންޓް ހަރުދަނާކުރުން
- ކްރިމިނަލް ކޯޓަށް 10 ޕެރަލީގަލް ނަގައި ކޮންމެ ގާޒީއަކަށް ޕެރަލީގަލްއެއް ހަމަޖެއްސުން
- ބެކްލޮގް ސާފުކުރުމަށް ކުރާ މަސައްކަތަށް ކްރިމިނަލް ކޯޓުގެ މުވައްޒަފުންނާއި ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުން
މީގެ އިތުރުން އެއް އަހަރަށް ކޯޓުން އިތުރުގަޑީގައި މަސައްކަތް ކުރުމުގެ އިތުރުން، ކޯޓަށް ދާއިމީ ގާޒީން އިތުރުކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ އެއީ ހަރަދު ބޮޑު ގޮތް ކަމަށެވެ. ހިސާން ވިދާޅުވީ އެއް އަހަރު ވަންދެން އިތުރު ގަޑީގައި ކޯޓުން މަސައްކަތް ކޮށްފި ނަމަ، ބެކްލޮގްގެ 80 ޕަސެންޓާއި 90ޕަސެންޓާ ދެމެދުގެ އަދަދަކަށް މައްސަލަތައް ނިންމޭނެ ކަމަށެވެ.
އެ ޕްލޭން ތަންފީޒު ކުރާތާ ތިން މަސް ހަމަވުމުން ރިވިއުއެއް ހަދައި އިސްލާހުކުރަން ޖެހޭ ކަންކަން ބެލުމަށް ފަހު ފިޔަވަޅުތައް އަޅާނެ ކަމަށާއި އޭގެ ހަ މަސް ފަހުން ނަތީޖާ ހާސިލް ކުރެވުނު މިންވަރު ބަލައި ނަތީޖާ ހާސިލް ނުކުރެވޭ ނަމަ އެ ހިސާބުން އެ މަސައްކަތް ހުއްޓާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕްލޭން ކާމިޔާބުކުރުމަށް ޖުޑީޝަރީގެ އިތުރުން މުޅި ޖިނާއީ އަދުލުގެ ނިޒާމުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދަން މީހުންނާއި ހެކިން ހާޒިރުކޮށް، ޕީޖީ އާއި ފުލުހުންނާއި ކަރެކްޝަންސްގެ ފުރިހަމަ އެއްބާރުލުން ވެސް ބޭނުންވާނެކަން ހިސާން ވިދާޅުވިއެވެ.