ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލާދޭޝްގެ ރައުޝާން ޖިއާން މަރުވި މައްސަލައިގައި ގެއްލުމުގެ ބަދަލަށް ނަގައިނުދިން 12.9 މިލިއަން ރުފިޔާގެ މައްސަލަ ހައި ކޯޓުން ބަލަން އަންގައިފިއެވެ.
7 އަހަރުގެ ޖިއާން ޑިސެމްބަރު، 16، 2018 ގައި މަރުވީ އޭނާގެ މަންމައާ އެކު މަގުމަތިން ހިނގާފައި ދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ވަރަށް ބޮޑަށް ޒަހަމްވުމުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދި 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އަދި ސިވިލް ކޯޓުން ވަނީ، 4.5 މިލިއަން ރުފިޔާ ޑަބްލިއު ކޮންސްޓްރަކްޝަނުން ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.
ބާކީ އޮތް 12.9 މިލިއަން ރުފިޔާ ނަގައިދެވެން ނެތް ކަމަށް ނިންމުމުން އެ މައްސަލަ ޖިއާންގެ މައިންބަފައިންގެ ފަރާތުން އިސްތިއުނާފް ކޮށްފައިވީ ނަމަވެސް އިސްތިއުނާފް މުއްދަތު ހަމަވެފައި އޮތުމުން ހައި ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.
އެމައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ސްޕްރީމް ކޯޓުން އެންގީ 10 ދުވަސް ތެރޭގައި އަލުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި ނަމަ، އެ މައްސަލަަ ބަލައިގަތުމަށެވެ.
އެމައްސަލަ އިސްތިއުނާފަށް ހުށަހެޅީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވިޔަސް، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ހޯދަން އެ މުއްދަތު ހަމަވުމުގެ ކުރިން އެ މީހުންގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެއެވެ.
ސްޕްރީމްކޯޓުގެ ނިންމުމުގައި ބުނާގޮތުގައި ރިޕޯޓް ނުލިބި އޮތްކަން ހައި ކޯޓަށް ސިޓީއަކުން އަންގާފައިވާތީ އިސްތިއުނާފް ކުރުމުގެ ނިޔަތް އެ މީހުންގެ އޮތްކަން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެއެވެ.
ޖިއާންގެ މައިންބަފައިންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރިއިރު، ޑަބްލިއު ކޮންސްޓްރަކްޝަނުން ވެސް ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް އެ މައްސަލަ ނިމެންދެން ދަށު ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، ޖިއާން ނިޔާވީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް، އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ތެރެއިން ފަރުވާކުޑަ ކުރުމުގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝރީއަތަށް ސާބިތުވާތީ، އެކަމުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން ޑަބްލިއު ކޮންސްޓްރަކްޝަން އުފުލަންޖެހޭކަން ސާބިތުވާ ކަމަށެވެ.