ޝަރީއަތް ލައިވް ކުރެވޭނެ ގޮތެއް ހަމަޖެހެންދެން އަޑުއެހުންތައް މެދު ކަނޑާލުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފިއެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ، ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް އެ ރަށް ކުއްޔަށް ދޫކުރުމަށް ކުރި މުއާމަލާތާ ގުޅިގެން، ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާގެ އަޑު އެހުމެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން، ދެން ދައުވާ އުފުލާފައިވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށެވެ.
މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން، ޔާމީން ވަނީ ޝަރީއަތްތައް ލައިވް ކުރެވޭނެ އިންތިޒާމް ހަމަޖެހެންދެން އަޑުއެހުންތައް މަޑުޖައްސާލަދިނުމަށް އެދިވަޑައިގެންފައެވެ. އެކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން މިއަދުވެސް އެ ސުވާލު ތަކުރާރު ކުރެއްވިއެވެ.
މި މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައިވެސް ގާޒީ ޝަކީލް ވިދާޅުވެފައިވަނީ ޝަރީއަތް ލައިވް ކުރުމަށްޓަކައި މިވަގުތު ކޯޓުގައި އެއްވެސް ވަސީލަތެއް ނެތް ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދެން އެ މައްސަލާގައި ޔާމީނަށް ރިޝްވަތުގެ އެއް މިލިއަން ޑޮލަރު ދިން ކަމުގެ ދައުވާ ލިބޭ ޔޫސުފް ނައީމް ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ ދައުވާގައިވާ ދެ މުއާމަލާތަކީ ގުޅުމެއް ނެތް ދެ މުއާމަލާތެއް ކަމަށާއި މައްސަލައިގެ ތެރެއިން އެކަން ސާބިތުކޮށްދޭނެ ކަމަށެވެ. އެއާއެކު އޭނާ ވަނީ ދިފާއުގައި ހެކި ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގެންފައެވެ.
ޔޫސުފް ނައީމްގެ އިތުރުން، ޔާމީންގެ ފަރާތުންވެސް ވަނީ ހެކި ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް އެދިވަޑައިގެންފައެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން ޔާމީނާ ދެކޮޅަށް ހެކި ހުށަހަޅާފައިވާއިރު، ދެން އޮންނަ އަޑުއެހުމެއްގައި އެމަނިކުފާނުގެ ފަރާތުންވެސް ދިފާއީ ހެކި ހުށަހަޅާނެއެވެ.
އެއާއެކު ގާޒީ ވިދާޅުވީ، ހެކި ހުށަހެޅުމަށްޓަކައި އަންނަ މަހުގެ ހަވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.